ads
މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު
ދައުލަތުން އެދުނީ މުއިއްޒުގެ ހެކި ބަލައިނުގަތުމަށް
ދޮގު ބަޔާން ދިން މައްސަލައިގައި މާލޭ މޭޔަރު، އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހަނު ހުރެފައިވާތީ އޭނާގެ ހެކިތައް ޝަރީއަތަށް ބަލައި ނުގަތުމަށް ދައުލަތުން ކޯޓުގައި އެދެފިއެވެ.
Advertisement

ދޮގު ބަޔާން ދިން މައްސަލައިގައި ޑރ. މުއިއްޒު ހަނު ހުރެފައިވާތީ އޭނާގެ ހެކިތައް ޝަރީއަތަށް ބަލައި ނުގަތުމަށް ދައުލަތުން ކޯޓުގައި އެދުނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއިން ދިވެހި ދައުލަތާ ދެކޮޅަށް، ނެދަލެންޑްސްގައި ހުންނަ އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި، މާލޭގެ މޭޔަރު ޑރ. މުއިއްޒު ދޮގު ބަޔާނެއް ދިން މައްސަލައިގެ ތަހުގީގުގައި ހަނުހުރުމުން އެކަމަށް ރިއާޔަތްކޮށެވެ.

މުއިއްޒުގެ ހެކި ބަލައި ނުގަތުމަށް ދައުލަތުން އެދުނު އިރު، މުއިއްޒުވަނީ އޭނާގެ ދިފާއުގައި 11 މީހަކު ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ. މުއިއްޒު ހެކިން ދައުލަތުގެ ދައުވާއަށް އިންކާރުކޮށް، އެއްވެސް ބަޔާނެއް ދީފައިނުވާކަން ސާބިތުކުރާށެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދިން ފުރުސަތުގައި، ދައުލަތުގެ ވަކީލު ވިދާޅުވީ ތަހުގީގު މަރުހަލާގައި ހަނު ހުރުމަށް ފަހު، އަދި މުއިއްޒު އާބިޓްރޭޝަނަށް ދީފައިވާ ކަމަށް ބުނާ "ވިޓްނަސް ސްޓޭޓްމަންޓް" އަށް ވެސް އިންކާރު ކޮށްފައި ނުވާ ކަމަށެވެ. އެކަމަށް ރިއާޔަތްކޮށް، އެ ބަޔާނުގައި ފެންނަ މުއިއްޒުގެ ސޮއި ކަމަށް ބުނާ ސޮޔަކީ އޭނާގެ ސޮއި ނޫން ކަމަށް ސާބިތުކުރަން މުއިއްޒުގެ ސޮއި ދަންނަ އަދި ދެކެފަރިތަ ތިން މީހަކު ދިފާއީ ހެކިން ގޮތުގައި ހުށަހެޅިޔަސް އެ ހެކިން ބަލައިނުގަނެވޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވާހަކައިގެ ރައްދުގައި ރައްދުގައި މުއިއްޒުގެ ދިފާއީ ވަކީލު ވިދާޅުވީ ހަނު ހުރުމަކީ އަސާސީ ހައްގަކަށް ވެފައި، ހަނު ހުރުން އޭނާއާ ދެކޮޅަށް ބޭނުން ކުރުމަށް ވަކި ހާލަތްތަކެއް އޮންނަ ކަމަށާއި އެފަދަ އެއްވެސް ހާލަތެއް އެ މައްސަލައިގެ ތަހުގީގުގައި ކުރިމަތިވެފައި ނެތް ކަމަށެވެ. އަދި އާބިޓްރޭޝަނަށް މުއިއްޒު ދީފައިވާ ކަމަށް ބުނާ ބަޔާން ވެސް ތަހުގީގު މަރުހަލާގައި ހިއްސާކޮށްފައި ނެތް ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ.

މި މައްސަލައިގެ އިތުރު އަޑު އެހުމެއް އަންނަ ހަފްތާއަށް ތާވަލުކޮށް، ހުށަހެޅުންތަކާ މެދު ގޮތެއް ނިންމާނެ ކަމަށް މައްސަލަ ބަލާ ގާޒީ ވިދާޅުވިއެވެ.

ދޮގު ބަޔާންދިނުމުގެ ދައުވާ ކުރަނީ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ނެދަލޭންޑްސްގެ އާބިޓްރޭޝަންގައި އެ ކުންފުންޏާ އެއްކޮޅަށް ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާން ދިނުމުގެ ދައުވާއާ ގުޅިގެން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ އޭނާގެ ފަރާތުން މިދިޔަ އަހަރު ހައިކޯޓަށްވެސް ހުށަހެޅިއެވެ. އެހެންނަމަވެސް ހައިކޯޓުން އެ މައްސަލައިގައި ނިންމާފައިވަނީ މުއިއްޒުއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް