
ތޮއްޑޫން ދޫކުރަން ނިންމާފައިވާ 100 ގޯތި ދޫކުރުން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުއްޓުވީ އިއްޔެ ކައުންސިލްގެ މައްޗަށް ނެރުނު އަމުރަކުންނެވެ. އެ އަމުރު ނެރުނީ ގޯއްޗަށް ކުރިމަތިލީ މީހުންގެ ލިސްޓުގައި ނަން ނެތް ބަޔަކު ކައުންސިލާ ދެކޮޅަށް ދައުވާ ކުރުމުންނެވެ. އަމުރުގައި ބުނީ އެ މައްސަލަ ކުރިއަށް ގެންދާތީ ދައުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް، ތޮއްޑޫން ގޯތި ދޫކުރުން ވަގުތީ ގޮތުން މަޑުޖައްސާލަން ކައުންސިލަށް އަމުރު ކުރާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތޮއްޑޫ ކޯޓުން ނެރުނު އަމުރު، ކައުންސިލުންވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައެވެ.
ދަނޑުވެރިކަމަށް މަޝްހޫރު ތޮއްޑޫން 100 ގޯތި ދޫކުރަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ކައުންސިލުން ދޭން ނިންމާފައި ވަނީ 3،000 އަކަފޫޓުގެ 100 ގޯތި ދޫކުރާށެވެ. އެ ރަށުން އެންމެ ފަހުން ގޯތި ދޫކުރި 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން، 2020 ވަނަ އަހަރު ވެސް ގޯތި ދޭން އިއުލާންކުރި އެވެ. އެކަމަކު މައްސަލަތަކެއް ދިމާވެ އެ މަސައްކަތް އެ ފަހަރު ވެސް ހުއްޓުނީ އެވެ.