ads
ރައީސް ސޯލިހް: ފޮޓޯ އެމްޑީޕީ
ރިޔާސީ ކެންޑިޑޭޓް ބަދަލުކުރުމުގެ ފުރުސަތެއް ނެތް: އެމްޑީޕީ
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާނެ ކެންޑިޑޭޓް މިހާރުހުރީ ކަނޑައެޅިފައިކަމަށާއި އެކަން ބަދަލުކުރުމުގެ ފުރުސަތު ނެތްކަމަށް އެމްޑީޕީން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީ ބޮޑު އަގުލަބިއްޔަތުން ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

ނަމަވެސް ޕްރައިމަރީން ނާކަމިޔާބު ވެވަޑައިގެންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވަނީ ރައީސް ސޯލިހްގެ ކެންޑިޑެސީ ބަލައިނުގަންނަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމްޑީޕީގެ ތެރޭގައި "ފިކުރެެއްގެ ދިރުން" ފެކްޝަނުން ގޮފިހަދައި، ޖުލައިގެ ނިޔަލަށް 50000 މެމްބަރުން ހަމަކޮށް، އަލުން ކެންޑިޑޭޓަކު ކަނޑައަޅާނެކަމަށް ރައީސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޗެއާޕާސަންގެ ނައިމު އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރު ކަނޑައެޅިފައިވާކަމަށާއި ރައީސް ނަޝީދުވެސް އެ ކެންޑިޑޭޓާއި ދެކޮޅަށް ނިކުމެވަޑައިގަންނަވާނެކަމަށް ނުބެލެވޭ ކަމަށެވެ.

"އަޅުގަނޑަށް ހިއެއް ނުވޭ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ އިދިކޮޅަށް، ޕާޓީގެ ރައީސް އެއްވެސް ގޮތަކަށް އަމަލުކުރައްވާނެހެން. އަޅުގަނޑު ދެކޭ ގޮތް މިއީ" އިބުރޭ ވިދާޅުވިއެވެ.

އިބުރޭ ވަރަށް ޔަގީންކަމާއި އެކު ވިދާޅުވީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު އެޕާޓީގެ ކެންޑިޑޭޓާއި ދެކޮޅަށް މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އަދި ފިކުރެއްގެ ދިރުން ގޮފިހައްދަވައިގެން ރައީސް ނަޝީދު ކުރައްވަން އުޅުއްވާ މަސައްކަތަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި ދެކޮޅަށް ކުރައްވާ މަސައްކަތެއްކަމަށް ގަބޫލު ނުކުރައްވާކަމަށް އިބުރޭ ވިދާޅުވިއެވެ.

މީގެއިތުރުން ޕާޓީގެ ތެރޭގައި ގޮފިތަށް ހެދުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެކަމެއްކަމަށާއި އެއީ މައްސަލައެއް ނޫންކަމަށްވެސް އިބުރޭ ވިދާޅުވިއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް