އިލެކްޝަން ކޮމިޝަނުން ޑީއާރުޕީ އުވާލުމަށް ނިންމީ، ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކުރަން ދިން މުއްދަތުގެ ތެރޭ ޕާޓީއަށް މެމްބަރުން ހަމަ ނުކުރެވުމުގެ ސަބަބުންނެވެ. އަދި ޑީއާރުޕީގެ ނަމުގައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އީސީ އިން ވަނީ އަންގާފަ އެވެ. މިކަމާއި ގުޅިގެން ރޭ ޑީއާރުޕީން ބުނެފައިވަނީ، އީސީ އިން އެ ޕާޓީ އުވާލުމަށް ނިންމުމުން އެކަން ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި އެކަން ކޯޓުން ކާމިޔާބު ނުވެއްޖެނަމަ ޖޭޑީޕީގެ ނަމުގައި އިތުރު ސިޔާސީ ޕާޓީއެއް އުފައްދާނެ ކަމަށްވެސް ޑީއާރުޕީންވަނީ ކުރިން ބުނެފައެވެ.
ޑީއާރުޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ ބުރާސްފަތި ދުވަހުއެވެ. ޑީއާރުޕީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ މަހު ފަހުކޮޅުއެވެ
ސިޔާސީ ޕާޓީތަކުގެ މައްސަލަތައް ގާނޫނު ބުނާ ގޮތުން ހުށަހަޅަން ޖެހެނީ ހައިކޯޓަށެވެ.
2022 ވަނައަހަރު މަސައްކަތްތައް ފެށޭވަރުވުމުން، ގާނޫން ބުނާ މިންވަރަށް ޕާޓީއަށް މީހުން ހަމަކުރުމުގެ މަސައްކަތް ފެށިއިރު، އީސީ އިން ވަނީ ޕާޓީގެ މެމްބަޝިޕް ފޯމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ. ފޮޓޯ ޖަހައިގެން ލައިވް ކެމެރާގަ ސޮއި ކުރުންފަދަ ކަންކަމަކީ، ކުއްލިއަކަށް ތައާރަފް ކުރެވުނު ކަންކަމަށްވީ ހިނދު މި ޕާޓީއަށް މި މަސައްކަތުގައި، މުއްދަތު ހަމަވި އިރު މިވަނީ، ކުރީން ތަސައްވަރު ކޮށްފައިނުވާ ފަދަ ދަތިހާލަތުތަކެއް ދިމާވެފަ.
ޑީއާރުޕީ އުވާލަން އިލެކްޝަންސްއިން ނިންމުމުން އެ ޕާޓީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެ ޕާޓީއަށް އީސީއިން ދިން މުއްދަތުގެ ތެރޭ މެމްބަރުން ހަމަ ނުކުރެވުނީ، މިހާރުގެ ޑީއާރުޕީގެ ލީޑާޝިޕުން 2019 ވަނަ އަހަރު ޕާޓީ އާއި ހަވާލުމާއި އެކު އޭގެ ކުރިން އެ ޕާޓީ ހިންގުމާއި ހަވާލުވެތިބި ފަރާތްތަކުން ކުރި ކަންކަމުގެ ސަބަބުން ދައްކަން ޖެހޭ ދަރަނިތައް ދެއްކުމާއި، އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަން ހަދައިގެން ކަމަށެވެ. އަދި އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، މުޅި ދުނިޔަށް ކުރިމަތިވި ކޮވިޑް-19 ގެ ސަބަބުންވެސް ޕާޓީއަށް މެމްބަރުން ހަމަކުރުމަށް ދަތިތަކާއި ކުރިމަތިވި ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.