
އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުވުމަކީ އެކަމުގެ ސަބަބުން ދިވެހި ފުޓްބޯޅަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އެފްއޭއެމްގެ ރަސްމީ މީޑިއާ ގްރޫޕް މެދުވެރިކޮށް ނޫސްވެރިންނާ މިއަދު ހިއްސާކުރެއްވި އޯޑިއޯ އިންޓަވިޔުއެއްގައެވެ.
އެފްއޭއެމްގެގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާ- އޭއެފްސީގެ އެކްސްކޯ މެންބަރު ކަމަށް އިންތިހާބުވީ މިދިޔަ ހަފްތާގައި ބަހްރޭނުގައި އޮތް އޭއެފްސީގެ ކޮންގްރެސްގައެވެ.
އަމިއްލަ ކަމެއްގައި ރާއްޖޭން ބޭރުގައި ހުންނަވައި، އެފްއޭއެމް މީޑިއާ ގްރޫޕަށް ފޮނުއްވި އޯޑިއޯ އިންޓަވިޔުގައި ބައްސާމް ވިދާޅުވީ، އޭއެފްސީގެ އެކްސްކޯއިން ފުރުސަތު ލިބުމަކީ ދިވެހި ކްލަބުތަކާ ގައުމީ ޓީމްތަކަށް އިތުރު ފުރުސަތުތައް ލިބުމަށް ދޮރު ހުޅުވިގެންދާނެ ކަމެއް ކަމަށެވެ.
އޭއެފްސީގެ އެކްސްކޯގައި ބައްސާމްގެ ޓާމަކީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހެވެ. އޭއެފްސީގެ އެކްސްކޯގެ މަގާމަށް ބައްސާމް އިންތިހާބުވީއިރު، ދިވެހި ފުޓްބޯޅަ އޮތީ މީން ޒަމާނަކު ނުވެއްޓޭހާ ދަށަށް ވެއްޓިފައެވެ.
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ ފެންމަތިވެފައިވާއިރު، އެ އިދާރާގެ ކަރަންޓް ބިލް ނުދައްކައިގެން ކަރަންޓް މި ފަހުން ކަނޑާލިއެވެ. ބިދޭސީ ކޯޗުންނަށް މުސާރަ ނުދީގެން ފީފާގެ އެންގުންތައް އައެވެ. އަދި ރާއްޖޭގައި ކުޅޭ ބިދޭސީ ކުޅުންތެރިއަކު މުސާރަ ނުދީގެން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ރަސްމީ ބޯޅަ ދަނޑުގައިވެސް މި ފަހުން ހެދިއެވެ.