ތާވަލަށް ގެނެސްފައިވާ ބަދަލަކީ ކުރިން އޮތް ގޮތުން ތިންވަނައަށް ކުޅެން އޮތް މާޒިޔާއާ ގްރީން ސްޓްރީޓްގެ މެޗު އަވަސްކޮށް، ދެވަނައަށް ކުޅެން އޮތް، ފޯކައިދޫއާ ދަ ގްރާންޑޭ މެޗު ތިންވަނަ މެޗަކަށް ބަދަލުކުރުމެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އޭދަފުށްޓާއި ޓީސީ ސްޕޯޓްސް އެވެ. އެއީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެއަށްފަހު ބުރާސްފަތި ދުވަހުގެ ރޭ ކުޅޭނީ މާޒިޔާއާ ގްރީންއެވެ. މި މުބާރާތުގައި ވާދަކުރަނީ އަށް ޓީމެވެ. އެހެންކަމުން ނޮކްއައުޓް ސިސްޓަމަށް ކުޅޭ މި މުބާރާތުގެ ފުރަތަމަ ބުރުގެ ފަހު މެޗަކީ، އީގަލްސްއާ ވިލިމާލޭ ޔުނައިޓެޑްގެ މެޗެވެ.
މުބާރާތުގެ ފުރަތަމަ ސެމީގައި އެއް ކޮޅުން ކުޅޭނީ މާޒިޔާއާ ގްރީން މެޗުން މޮޅުވާ ޓީމެކެވެ. މި ސެމީގެ ދެވަނަ ޖާގަ ލިބޭނީ ފޯކައިދޫއާ ދަގްރާންޑޭ މެޗުން މޮޅުވާ ބަޔަކަށެވެ. ދެވަނަ ސެމީގައި ކުޅޭނީ ޓީސީއާ އޭދަފުށި ކުޅެގެން މޮޅުވާ ބަޔަކާ އީގަލްސްއާ ވިލިމާލެ ޔުނިޓޭޑް ކުޅެގެން މޮޅުވާ ބައެކެވެ. ސެމީ ފައިނަލް މެޗުތައް ކުޅެން ތާވަލުކޮށްފައިވަނީ މާރިޗު މަހުގެ ސޯޅަ ވަނަ ދުވަހުއެވެ. މުބާރާތުގެ ފައިނަލް މެޗު ތާވަލުކޮށްފައިވަނީ މާރިޗު މަހުގެ ނަވާރަ ވަނަ ދުވަހުގެ ރެއަށެވެ.
އެފްއޭއެމްގެ މެންބަރު ހުރިހާ ކްލަބަކަށް ހުޅުވާލައިގެން ބާއްވާ އެފްއޭކަޕްގެ ގެ މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ އެންމެ އަށް ޓީމެވެ. އެފްއޭކަޕް އެންމެ ފަހުން ބޭއްވީ 2017 ވަނަ އަހަރުއެވެ. ފަސޭހަކަމާއި އެކު އެ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައި ވަނީ ދިވެހި ފުޓްބޯޅައިގެ ގަދަ ބާރު ނިއުރޭޑިއަންޓެވެ. ނިއުއިން ވަނީ މިހާތަނަށް 12 ފަހަރު އެފްއޭކަޕް ހޯދާފައެވެ. މި އަހަރުގެ އެފްއޭކަޕްގައި، އެފްއޭކަޕްގެ އެންމެ ކާމިޔާބު ތިން ޓީމު ކަމަށްވާ ނިއުރޭޑިއަންޓް، ވިކްޓަރީ އަދި ވެލެންސިޔާ ބައިވެރި ނުވާނެ އެވެ. މިއީ މި ތިން ޓީމު ނެތި ކުޅޭ ފުރަތަމަ އެފްއޭކަޕެވެ.
ދެ އަހަރަށް ފަހު އަލުން އެފްއޭކަޕް މި ބާއްވަނީ ފުޓްބޯޅައިގެ ފޯރި ކެނޑި، ފުޓްބޯޅަ ބަލަން ދަނޑަށް ވަންނަ މީހުންގެ އަދަދު އާދަޔާ ޚިލާފަށް މަދުވެފައި ވަނިކޮށެވެ. ރާއްޖޭގެ އެންމެ ޝަރަފުވެރި އަދި އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޤައުމީ މުބާރާތް ވެސް ނުބާއްވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.