އޮލިމްޕަސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
އެ ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އެހާރާއި މިހާރުގެ ފަންނާނުންވެސް ބައިވެރިވެފައިވެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، އޮލިމްޕަހަކީ ރާއްޖޭގެ މުނިފޫހިފިލުވުމާއި ފަންނުވެރިކަމާ އަދި މިއުޒިކީ ދާއިރާ އާ ގުޅުންހުރި މުހިންމު ތަނަކަށްވުމުގެ އިތުރުން ރާއްޖެ އާއި މި ސަރަހައްދުގެ ގައުމުތަކާ އޮންނަ ގުޅުން ރަމްޒުކޮށްދޭ މުހިންމު އިމާރާތެއް ކަމަށެވެ.
އޮލިމްޕަސް ޒަމާނީ ކުރުމަށް ސަރުކާރުން ކުރަމުން އައި މަސައްކަތްތައް މަޑުޖެހުމެއް އައީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ ހުރެ ރާއްޖޭން ބޭރުން ގެންނަން ޖެހޭ ތަކެތި ގެނައުމުގައި ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. ޔުމްނާ ފާހަގަކުރެއްވި ގޮތުގައި ޒަމާނީ ހިތްގައިމު ބަދަލުތަކާ އެކު އޮލިމްޕަސް އަލުން ހުޅުވިގެންދިޔަ ދިއުމަކީ ރާއްޖޭގެ ފަންނުވެރިކަމުގެ ދާއިރާއަށް ލިބިގެންދިޔަ އާ ދިރުމެއް ކަމުގައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެފައިވަނީ އޮލިމްޕަސް އަލުން ހުޅުވިގެންދިއުމާ އެކު ރާއްޖެ އާއި އިންޑިއާގެ ފަންނާއި ސަގާފަތާ ގުޅުންހުރި ހަރަކާތްތައް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދިއުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށާއި ރާއްޖޭގެ އިޖުތިމާއީ ކުރިއެރުމާ ގުޅިފައިވި މުހިންމު މަސައްކަތުގައި އިންޑިއާއަށް ބައިވެރިވެވުނު ކަމީ ލިބުނު ފަހުރަކާއި އުފަލެއް ކަމަށެވެ.
އޮލިމްޕަހަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސިނަމާއަށް ވާއިރު ޒަމާނަށް އަންނަ ބަދަލުތަކަށް ފެތޭގޮތަށް އޮލިމްޕަހަށް އެކި ދުވަސްވަރުގެ މަތިން ބަދަލުތައް ގެނެސްފައިވެއެވެ. އެންމެ ފަހުން އޮލިމްޕަސް މަރާމަތުކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް ސަރުކާރުން ވެރިކަމާ ހަވާލުވެ 2019 ވަނަ އަހަރުގެ ތެރޭގައި އެންސީއޭ އާ އޮލިމްޕަސް ހަވާލުކުރިއިރު، ތަނުގެ އިމާރާތާއި ޓެކްނިކަލް ވަސީލަތްތައް ހުރީ އެކަށީގެންވާ ވަރަށް ވުރެ ދަށް ފެންވަރުގައި ކަމަށްވާތީ ހާލަތު ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށްފަހު އެތަން ތަރައްގީކުރާނެ ގޮތުގެ ޕްރޮޖެކްޓެއް އެކުލަވާލިއެވެ. އިންޑިއާއިން އަށް މިލިއަން ރުފިޔާގެ ހިލޭ އެހީ އެއް ހޯދައިގެން ފެށި އެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮވިޑުގެ ސަބަބުން އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.
އެހެންނަމަވެސް، ކޮވިޑަށްފަހު ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މަސައްކަތްތައް އަލުން ފަށައި އިމާރާތުގައި ރެނދު އަޅާފައިވާ ކޮންކްރީޓް ތަނބުތައް މަރާމާތުކޮށް ތަނުގެ ފުރާޅު ބަދަލުކޮށް ޒަމާނާ ގުޅޭ އާ ޓިކެޓް ކައުންޓަރެއް ގާއިމުކުރިއެވެ. އޮލިމްޕަސް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިގަނެފައިވަނީ އިންޑިއާ ސަރުކާރުގެ ފައިސާގެ އެހީ ހަމަޖެހުމާ ގުޅިގެންނެވެ.
އޮލިމްޕަހަށް ގެނެވުނު ޒަމާނީ ބަދަލުތައް
- މަލްޓިމީޑިއާ ޕްރޮޖެކްޓަރުގެ ބަދަލުގައި ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރެއް
- ކުރިން ހުރި 2.1 ގެ ސައުންޑުގެ ބަދަލުގައި 7.1 ގެ ސަރައުންޑު ސައުންޑް ސިސްޓަމެއް
- ސައުންޑް އެންމެ ފުރިހަމަގޮތުގައި ގެނެސްދިނުމަށް މުޅި ހޯލާއި ސްޓޭޖުގެ އެކޯސްޓިކްސް ޓްރީޓުކުރި
- ސްޓޭޖުގައި ސައުންޑު އަދި ލައިޓް ސެޓަޕަކާއި ރިޓްރެކްޓް ކުރެވާ ސްކްރީނެއް
- ސްޓޭޖް ލައިޓާއި ސައުންޑް ކޮންޓްރޯލް ގާއިމުކޮށް ފަސޭހައިން ސްޓޭޖް ހަރަކާތްތަކުގެ ފޮޓޯ އަދި ވީޑިއޯ ނެގުމަށް ހޯލުގެ ފަހަތުގައި ޕްލެޓްފޯމެއް
- މައި ހޯލުގެ މަތީގައި ލެޑް ޕެނަލެއް
- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮލިމްޕަސް ހޯލާއި ގޯތިތެރެ ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ރޭމްޕްތަކެއް
- މީގެ އިތުރުން ތަނުގެ އިންޓީރިއަ ޑިޒައިނަށްވެސް ޒަމާނީ ބަދަލުތައް ގެނެސްފައިވޭ
ދިވެހި ފަންނާނުންގެ ހިތްގައިމު ލައިވް ޕަފޯމަންސްތަކާ އެކު ކުރިޔަށް ދިޔަ ރަސްމިއްޔާތުގައި ވަކިވެ ގޮސްފައިވާ ބައެއް ލަވަކިޔުންތެރިންނާއި ހަތްދިހައިގެ އަހަރުތަކުގައި ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދި ތިން ބޭންޑަކަށް ހާއްސަކޮށްގެން މިއުޒިކަލް ޓްރިބިއުޓެއްވެސް ދީފައިވެއެވެ. އަދި މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ފަރާތުން 'އަހަރެންގެ އޮލިމްޕަސް'ގެ ނަމުގައި ހާއްސަ ތިއޭޓްރިކަލް ޕަފޯމަންސް އައިޓަމަކާއި އަނިރޫދު ވަރްމާ ކަލެކްޓިވްގެ ފަރާތުން އިންޑިއާގެ ކްލެސިކް މިއުޒިކް ޕަފޯމަންސެއްވެސް ހުށަހަޅައިދީފައިވެއެވެ.