ads
ޕާކިސްތާންގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް
ޕާކިސްތާންގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ
ޕާކިސްތާންގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފް އަވަހާރަ ވެއްޖެ އެވެ.

އުމުރުފުޅުން 79 އަހަރުގައި މުޝައްރަފް މިއަދު އަވަހާރަވީ، ދުބާއީ ހޮސްޕިޓަލެއްގައެވެ. މުޝައްރަފްގެ އާލާސްކަންފުޅު ބޮޑުވެ ދުބާއީގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. މުޝައްރަފް ފަރުވާ ހޯއްދަވަމުން ގެންދެވީ ދުބާއީގެ އެމެރިކަން ހޮސްޕިޓަލްގަ އެވެ.

މުޝައްރަފް ޕާކިސްތާނުގެ ވެރިކަމަށް ވަޑައިގެންނެވީ 1999 ވަނަ އަހަރު ގެންނެވި ލޭއޮހޮރުވުމެއް ނެތް އަސްކަރީ ބަގާވާތަކުންނެވެ. އަސްކަރީ ވެރިކަމެއް ކުރެއްވި މުޝައްރަފް އަވަހާރަވިކަން އާއްމު ކުރެއްވީ ވެސް ޕާކިސްތާނުގެ އަސްކަރިއްޔާއި ނެރުނު ބަޔާނެއްގަ އެވެ.

your imageޕާކިސްތާންގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފް

ގާތްގަނޑަކަށް މީގެ 24 އަހަރުކުރިން، 1999 ވަނަ އަހަރުގެ ބަގާވާތައް ފަހު އަސްކަރީ ވެރިކަމެއް ކުރައްވާ އަދި ފަހުން އިންތިހާބުގައި ވާދަކުރައްވާ މުޝައްރަފް ވަނީ 2001 ވެރިކަމަށް ވަޑައިގަންނަވާފަ އެވެ. މުޝައްރަފް ވަނީ 2008 ވަނަ އަހަރާއި ހަމައަށް ޕާކިސްތާނުގެ ރައީސްކަން ފަހުން ކުރައްވާފަ އެވެ.

މީގެ 80 އަހަރު ކުރިން، 11 އޯގަސްޓް 1943 ގައި އުފަންވެވަޑައިގެންނެވި މުޝައްރަފަކީ ޕާކިސްތާނުގެ 10 ވަނަ ރައީސް އެވެ. އިނގިރޭސިންގެ ބާރުގެ ދަށުގައި ޕާކިސްތާނާއި އިންޑިއާ އޮތް އިރު މުޝައްރަފް އުފަންވެވަޑައިގެންވެނީ އިންޑިއާގެ ދިއްލީގަ އެވެ. ނަމަވެސް މުޝައްރަފް ޅަފުރާގައި އަދި އުމުރުގެ ބޮޑުބައެއް ހޭދަކުރެއްވީ ޕާކިސްތާންގެ ކަރާޗީ އާއި ތުރުކީގެ އިސްތަންބޫލްގަ އެވެ.

މުޝައްރަފް ތައުލީމު ހާސިލް ކުރެއްވީ ޕާކިސްތާނުގެ ލާހޯރްގެ ފޯމަން ކުރިސްޓިއަން ކޮލެޖުންނާއި އިނގިރޭސިވިލާތުގެ ރޯޔަލް ކޮލެޖް އޮފް ޑިފެންސް ސްޓަޑީޒްއިންނެވެ. އޭގެ ފަހުން 1964 ވަނަ އަހަރު، އުމުރުފުޅުން 21 އަހަރުގައި މުޝައްރަފް ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާ އާއި ގުޅިވަޑައިގެންފަ އެވެ.

މީގެ 58 އަހަރު ކުރިން، 1965 ވަނަ އަހަރު ކުރެވުނު އިންޑިއާ އާއި ޕާކިސްތާނު ހަނގުރާމައިގެ ކުރީސަފުގައި މުޝައްރަފު އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި 1980 ވަނަ އަހަރު ސެކަންޑް ލެފްޓިނެންޓްގެ މަގާމަށް ޕްރަމޯޓްވެ މުޝައްރަފު ވަނީ ޕާކިސްތާނު އަސްކަރިއްޔާގެ މިލިޓަރީ ބްރިގޭޑަށް ކޮމާންޑް ކުރައްވާފަ އެވެ. މިލިޓަރީ ބްރިގޭޑްގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި މުޝައްރަފް 1990 ވަނަ އަހަރު މޭޖާ ޖެނެރަލްގެ މަގާމަށް ވަޑައިގެން އެގައުމުގެ ސްޕެޝަލް ސާވިސް ގުރޫޕްގެ ކޮމާންޑަރަކަށް ވެވަޑައިގެންނެވި މުޝައްރަފު ކުރު މުއްދަތެއްގެ ތެރޭގައި ޑެޕިއުޓީ މިލިޓަރީ ސެކްރެޓަރީގެ މަގާމަށް އަދި ފަހުން މިލިޓަރީ އޮޕަރޭޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ވަޑައިގެންނެވި އެވެ.

އޭގެ ފަހުން 1998 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ މުޝައްރަފް ފޯ ސްޓާ ޖެނެރަލެއްގެ މަގާމަށް ހަމަޖައްސަވާ ޕާކިސްތާނު އަސްކަރިއްޔާގެ ވެރިއަކަށް ހަމަޖައްސަވާފަ އެވެ. އޭގެ ފަހުން 1999 ވަނަ އަހަރު އަސްކަރިއްޔާގެ އިތުރު ބަޔަކާގުޅި ނަވާޒް ޝަރީފް ހައްޔަރުކުރައްވާ އަސްކަރީ ބަގާވާތެއް މުޝައްރަފު އިސްކޮށް ހުންނަވާ ގެންނެވި އެވެ. 2001 ވަނަ އަހަރުގެ އިންތިހާބާ ޖެހެންދެން މުޝައްރަފް ހުންނެވީ ވެރިކަން ކުރާ އަސްކަރީ ކައުންސިލްގެ ޗެއާމަންގެ މަގާމުގަ އެވެ.

މުޝައްރަފް 2001 ވަނަ އަހަރު ރައީސްކަމަށް ވަޑައިގެން 2008 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވީ އިތުބާރު ނެތްކަމުގެ ވޯޓް ކުރިމަތިވެވަޑައިގެންނެވުމުން ނެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަނަށް އަމިއްލަފުޅަށް އަރުވާލެއްވިގެން ދިރިއުޅުއްވަމުން ގެންދެވި މުޝައްރަފް 2013 ވަނަ އަހަރުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް ކޯޓުން އެކަމަށް ހުރަސް އަޅާ، އެގައުމުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި ހާދިސާ އާއި ގުޅުވައި މުޝައްރަފް ހައްޔަރުކުރުމުގެ އަމުރެއް ނެރުނެވެ.

ފަހުން މުޝައްރަފްގެ މައްޗަށް ދައުވާ އުފުލައި، މަރުގެ ހުކުމެއް ވެސް އެގައުމުގެ ކޯޓަކުން އިއްވި އެވެ. އެއަށް ފަހު އަވާހަރަވުމާއި ހަމައަށް ދިރިއުޅުއްވީ ދުބާއީގަ އެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް