މި ބުދު ފެނުނީ ގަމު ހައުސިން ޔުނިޓްތައް ހަދާ ސަރަހައްދަށް އެއްކޮށްފައިވާ ބޮޑު ވެލިފުންޏަކުން އިއްޔެގެ ވަގުތެގަ އެވެ. އެތަނަށް ވެލި ޖަމާކޮށްފައި ހުރީ މުކުރިމަގު އަވަށުގެ ދުރު ހިސާބެއްގައި ހުރި ޒަމާންވީ ވެލިފުންޏަކުން ނެވެ. މި ވެލި ފުނި ހުރި ސަރަހަައްދުގައި ކާބަފައިން ދިރިއުޅެފައި ވެއެވެ.
އެ ބުދު މިވަގުތު އޮތީ ގައުމުގައި ހުންނަ "މޯލްޑިވްސް ހެރިޓޭޖު ސޮއިސައިޓީ"ގެ ބެލުމުގެ ދަށުގަ އެވެ.
މޯލްޑިވްސް ހެރިޓޭޖު ސޮއިސައިޓީ އަކީ ރާއްޖޭގެ ތާރީހީ ކަންކަން ދިރާސާކޮށް ބަލައި، ސަގާފަތާއި ތަރިކަ ހިމާޔަތް ކުރުމަށް ފުޅާ ދާއިރާއެއްގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާ އެކެވެ. މިއަދުގެ ވަގުތެއްގައި އެ ބުދު ކައުންސިލާއި ހަވާލުކުރުމަށް އެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.
އެ ޖަމިއްޔާގެ ރައީސް އަދި ތާރީހީ ކަންކަން ދިރާސާކުރައްވައި، ސަގާފަތާއި ތަރިކައަށް އާންމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ތޯހާ އަބޫބަކުރު "ސީއެންއެމް" އަށް މިއަދު ވިދާޅުވީ، އެއީ ރާއްޖެ އިސްލާމުވުމުގެ ވެސް މާކުރީން ގާތްގަނޑަކަށް 1194 ހިސާބުގައި ބޭނުންކުރި ބުދެއްކަމަށް ލަފާކުރެވޭ ކަމަށެވެ. މިފަދަ ބުދެއް މީގެކުރިން އެރަށުން ފެނިފައެއް ނުވެ އެވެ.
ހަތް އިންޗީގެ މި ކުޑަ ބުދާއި އެންމެ ވައްތަރު ބުދެއް މީގެ ކުރިން ފެނިފައިވަނީ 2018 ވަނަ އަހަރު އެ އަތޮޅު ކަަލައިދޫން ނެވެ.
ތޯހާ ވިދާޅުވިގޮތުން ރާއްޖެއިން އިސްލާމުދީން އެންމެފަހުން ގަބޫލުކުރި ތަންތަނުގެ ތެރޭގައި ހައްދުންމަތި ހިމެނެ އެެވެ. ތާރީހު ބުނާގޮތުން އޭރު ގަމަކީ ބުދު ދީނުގެ މައި މަރުކަޒެކެވެ. އެރަށުގައި ބުދުދީނުގެ އަޅުކަމަށް މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރި "ހަތްތެލި" މިހާރުވެސް ފެންނަން އެބަހުއްޓެވެ.