ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން އެމްއެފްޑީއޭ އިން މިއަދު މަނާކުރީ imipramine hydrochloride ނަމަކަށް ކިޔާ އެންޓި ޑިޕްރެޝަންގެ 25 މިލިގްރާމް، ބެޗު ނަންބަރު: 2141H003 ބޭހެވެ. މިއީ ޑިޕްރެޝަން ފަރުވާއަށް ދީ އުޅޭ ޑޮކްޓަރީ ބޭހެކެވެ.
މި ބެޗުގެ ބޭސްތައް ވިއްކުން މަނާކޮށް މިއަދު އެމްއެފްޑީއޭ އިން ކޮށްފައިވާ އިއުލާންގައި ބުނީ، ރާއްޖެ އިމްޕޯޓްކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ބޭސް ތަހުލީލު ކުރުމުގެ މަސައްކަތް އެއޮތޯރިޓީއިން ކުރަމުންދާ ކަމަށެވެ.
އެހެންވެ، ޑިޕްރެޝަންއަށް ފަރުވާކުރުމަށް ދީ އުޅޭ އެބޭހުގެ ބެޗް އިމްޕޯޓް ކުރުމާއި، ވިއްކުމާއި، ބޭނުން ކުރުމަކީ މަނާ ކަމެއްކަން އެ އޮތޯރަޓީން ވަނީ އަންގާފައެވެ.
އަދި މާކެޓްގައި ހުރި މިބެޗްގެ ބޭސް، އެއޮތޯރިޓީގެ ފަރާތުން ނަގަމުން ގެންދާނެކަމަށް ބުންޏެވެ. މި ބެޗު އުފައްދާފައިިވަނީ އިންޑިއާގެ ޓޮރެންޓް ފާމަސިއުޓިކަލް ނަމަކަށް ކިޔާ ތަނަކުން ނެވެ.
ރާއްޖޭގައި ޑިޕްރެޝަން އާއި އެންޒައިޓީ އަށް ފަރުވާ ހޯދާ މީހުންގެ އަދަދު މިފަހަކުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެ އޮތޯރަޓީން ވަނީ، މިހާރުވެސް މިބޭސް ބޭނުން ކުރަމުންދާ ފަރާތްތަކުން އެއޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.