މިފަހަރުގެ ރިޔާސީ އިންތިހާބުގެ ވާދަވެރިކަން ބޮޑީ ހަމައެކަނި ތަފާތު ޕާޓީތަކުގެ މެދުގައެއް ނޫނެވެ. އެއް ޕާޓީއެއް ތެރޭގައި ވެސް ވާދަވެރިކަމާއި ހިޔާލު ތަފާތުވުންތައް ބޮޑެވެ. 2023 ގައި ވެރިކަން ލިބޭނީ ކާކަށްތޯ ކުރެވޭ ސުވާލާއާއިއެކު ޕާޓީތަކުން މި އިންތިހާބަށް ނެރޭނީ ކޮން ކެންޑިޑޭޓެއްތޯ ވެސް ސުވާލު އުފެދެ އެވެ. މި ސުވާލުގެ ޖަވާބު ދޭކަށް ހުދު ކެންޑިޑޭޓުންވެސް ބޭނުމެއް ނުވެ އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގެ ރިޔާސީ ޓިކެޓު ފުރަތަމަ ހަވާލުކުރީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެ ޕާޓީގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރާނެ މީހަކު ކަނޑައެޅުމަށް ޕާޓީތެރޭ ވާދަވެރި ޕްރައިމަރީއެއް ބާއްވައިފި އެވެ. އެ ޕްރައިމަރީގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރެއްވިއިރު، ޕާޓީގެ ޓިކެޓު ހޯއްދެވީ ރައީސް ސޯލިހެވެ.
ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ޓިކެޓުގައި މިފަަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ކޮން ބޭފުޅެއްތޯ އެ ޕާޓީން މިދިޔަ މަހުގެ 28 ވަނަ ދުވަހު ނިންމި އެވެ. އެކަމަކު ވަރުގަދަ ކެމްޕެއިންތަކެއް ކުރަމުންދިޔައިރު، ދެބޭފުޅުން ނަށްވެސް ޓިކެޓު "ޔަގީން" ވެފައި އޮތް ކަމަށް ބުނަމުންދިޔަހެން، ވަކިގޮތެއް އެކަމުގައި ނިމިގެންދިއުމުންވެސް ރައީސް ނަޝީދު އަދިވެސް ބަލި ގަބޫލެއް ނުކުރައްވަ އެވެ. ޓިކެޓު ހޯއްދެވީ "އޮޅުވާލައިގެން" ކަަމަށް ވިދާޅުވެ، ޓިކެޓު ދޫކޮށްލެވުމުގެ ވިސްނުމެއް ރައީސް ނަޝީދު އަދި ނުގެންގުޅުއްވަ އެވެ. އެއްގޮތް ނެތިއްޔާ އަނެއްގޮތް ހޯދައިގެން ނަމަވެސް ޕާޓީގެ ޓިކެޓު މިފަހަރު ރައީސް ނަޝީދު ބޭނުންފުޅު ވެއެވެ. އެހެންވެ، ޕާޓީގެ ތެރެއިން އޮތް ދެ ފެކްޝަން އެއްކޮށް ވަކިކޮށްލައި، ވަކިން ގޮތްޕެއް އުފައްދަވައިގެން ރައީސް ސޯލިހާއި ވަކިން ނަޝީދު މިހާރު ދަނީ މަސައްކަތް ކުރައްވަމުން ނެވެ.
ރިޔާސީ އިންތިހާބާއި ކުރިމަތިލައްވަން ރައީސް ސޯލިހް ބޭނުންފުޅުވަނީ މުޅި އެމްޑީޕީ އެކީގައި ނަމަވެސް އެކަން އެހެން ވާން ނެތްކަން އެއީ ދެން މިހާރު ޔަގީންވާ ކަމެކެވެ. އެއީ ރައީސް ސޯލިހުގެ ފަހަތުގައި މަސައްކަތް ކުރައްވަން ނަޝީދު ބޭނުންފުޅު ނުވާތީ އެވެ.
ޕްރައިމަރީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް ކުރެވުނު ސުވާލުތަކުގެ ޖަވާބަށް ވެސް ނަޝީދު ވިދާޅުވަމުން ދިޔައީ ރައީސް ސޯލިހުގެ ފަހަތުގައި އެމްޑީޕީ ނުނިކުންނާނެ ކަމަށެވެ. އަދި ރައީސްގެ ފަހަތަށް އަރަންޖެހޭނެ ހާލަތެއް ނުވެސް އަންނާނެ ކަމަށެވެ. ބެލެވެނީ މިހާރު އަމުދުން ފަހަތަށް އަރަން ބޭނުން ނުވަނީ އެ ބަހުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކަމަށެވެ.
އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓާއިމެދުވެސް މިހާރު އޮތީ ސުވާލު އުފެދިފަ އެވެ. 11 އަހަރުގެ ޖަލު ހުކުމަކަށް އަނެއްކާވެސް ޖަލަށް ވަޑައިގަންނަވަން ރައީސް ޔާމީންނަށް ޖެހިވަޑައިގަތުމުން ނެވެ. އެ ހުކުމް އިސްތިއުނާފު ކުރެވޭނެ ތާރީހެއް އަދި ހަމަ ސާފެއް ނުވެ އެވެ. ވަކީލުން ވިދާޅުވަނީ އެ ހުކުމަކީ "މޮޑެފައި އޮތް މަސްހުނި" ގަޑަކަށް ވުމުން ފުދޭވަރަކަށް ވަގުތު ނަގާނެ ކަމަށެވެ. އެކަމަކު ތިއްބެވީ މާޗުގައި ރައީސް ޔާމީން މިނިވަންކުރެވޭނެ ކަމުގެ އުންމީދުގަ އެވެ. އެހެންވެއްޖެނަމަ އުންމީދެއް އެބައޮތެވެ.
ނުލިބިއްޖެނަމަ ދެނޯ؟
އެކަމަކު، މިވަގުތަށް ކުރިމަތީ އޮތް ސުވާލަކީ އެހެން ނުވެއްޖަނަމަ ދެނޯ އެވެ؟. ދެން ކަން ކުުރާނީ ކިިހިނެތްތޯ އެވެ.؟ ދެގޮފި އުފައްދައިގެންވެސް ރައީސް ސޯލިހުގެ ފަހަތަށް ނާރާ ފަރު ނުޖެހިއްނަމަ ދެން ހައްދަވާނީ ކިހިނެތްތޯ އެވެ.؟ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަށް މި އިންތިހާބުގައިި ވާދަކުރެއްވުމުގެ ފުރުސަތު ލިބިނުލައްވައިފިނަމަ ދެން ކަންކުރާނެ ގޮތަކީ ކޮބައިތޯ އެވެ؟
މި ސުވާލުތަކަކީ ސިޔާސީ ޕާޓީތަކުން ޖަވާބު ދޭން ބޭނުންވާ ސުވާލުތަކެއް ނޫނެވެ. މި ސުވާލު ކުރެއްވުމުން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސިޔާސީ ބޭފުޅުން ހިތްހަމަ ނުޖެހިފައި ވެސް އެބަހުއްޓެވެ. އެއީ ކުރިމަތީ އޮތް ސުވާލެއްވެސް ނޫނޭ، ތި ސުވާލު ނުކުރާށޭ ވެސް ތަކުރާރުކޮށް ވިދާޅުވެފައި އެބަހުއްޓެވެ.
ފަހަރުގައި، ހަގީގަތާއި މާ އަވަހަށް ކުރިމަތިލައްވަން ބޭނުންފުޅު ނުވަނީ ކަމަށްވެސް ވެދާނެ އެވެ. ނޫނީ އެ ސުވާލުގެ ޖަވާބު އަދި ޕާޓީތަކަށްވެސް ނޭގެނީބާ އެވެ؟ ކޮންމެ ގޮތެއްވިޔަސް މިއީ ކޮންމެވެސް ހިސާބަކުން ޖަވާބު ދޭންޖެހޭނެ ސުވާލެކެވެ. "އެ ސުވާލު ނުކުރައްވާށޭ" ވިދާޅުވެ ތިބެވޭހާ މާގިނަ ދުވަހެއްވެސް ދެން ނެތެވެ.
ސެޕްޓެމްބަރުގައި އިންތިހާބު އޮންނައިރު، ޕާޓީތަކުން ނެރޭ ކެންޑިޑޭޓުންގެ ނަންނަތައް އޮގަސްޓަށް ހަވާލުކުރަން އެބަޖެހެވެ.