
ރައްޔިތުން މަޖިލީހުގައި މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސި ވިލާތާ ޔޫރަޕުގެ އިއްތިހާދުން އީޖާބީ ނިންމުމެއް ނިންމާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ މަހުގެ ޑިއުޓީއަށް ލުޔެއް ލިބުމާއި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން މަހުގެ އަގަށް އަނެއްކާވެސް އިތުރު ހެޔޮ ބަދަލު އަންނާނެ ކަމަށެވެ. މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަހުގެ އަގު ބޮޑުކުރައްވާފައިވާނެ ކަަމަށް ވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމުގައި މަސްވެރިކަމުގެ ސިނާއަތުގެ މުހިންމު ދައުރު ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާއި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔެ އާ ކުރިމަތިވި އިގުތިސޯދީ ގިލަންވެރިކަމުން ރާއްޖެއަށް އަރައިގަނެވުނު ވަރަށް ބޮޑު ސަބަބަކަށް މަސްވެރިކަން ވި ކަމަށެވެ.
ނިމިދިޔަ އަހަރަކީ ފާއިތުވެދިޔަ 16 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މަސް މިފްކޯއިން ގަތް އަހަރުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަސްވެރިކަމުގެ ތާރީހުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް ސަރުކާރުން ދޫކުރީ ވެސް މިދިޔަ އަހަރު ކަމަށެވެ. އެގޮތުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.