ads
އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް ސޯލިހަކީ ރައީސްކަމަށް ގަބޫލު ނުކޮށް، އިދިކޮޅު ރިޔާސީ ބަޔާނަށް ޖަވާބެއް ނެތް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާކަމަށް ގަބޫލު ނުކުރާކަމަށް ބުނެ، އިދިކޮޅުން ރިޔާސީ ބަޔާނަށް ޖަވާބު ނުދޭން ނިންމައިފިއެވެ.

ގާނޫނު ބުނާގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވައެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާހެ މެމްބަރު އަހުމަދު ސަލީމް އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން، އިދިކޮޅު މެމްބަރުންވަނީ އަޑުގަދަކޮށް ރިޔާސީބަޔާން އިއްވުމަށް ހުރަސްއަޅާފައެވެ. އެއާއިއެކު މިއަދުގެ މަޖިލިސް ކުރިއަށް ގެންދިޔައީ ނަންއިއްވާ، އިދިކޮޅު މެމްބަރުން މަޖިލީހުން ނެރުމަށް ފަހުއެވެ.

މަޖިލީހުގެ ހަމަނުޖެހުންތަކަށްފަހު، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވީ ރައީސްގެ ސާޖަރީއަކަށް ސިންގަޕޫރަށް ވަޑައިގެން، ނައިބު ރައީސް ފައިސަލް ނަސީމަށް ރައީސުލްޖުމްހޫރިއްޔާގެ ހުވާލާދެއްވާ މަގާމުގެ މަސްއޫލިއްޔަތު ހަވާލު ކުރެއްވިކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ، މިދިޔަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު، ރައީސް ސޯލިހު ސިންގަޕޫރުގައި ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް ހޭނައްތަން ޖެހުނު ވަގުތުކޮޅަށެވެ. އޮޕަރޭޝަނަށް 3:30 މިނިޓަށް ފަހު ރައީސް ސޯލިހް އަލުން ވަނީ ރައީސްގެ ޒިންމާ އާއި މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފަ އެވެ.

ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނަވާބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ވަގުތެއްގައި އެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ހުވާކުރަށްވައިގެން ހުންނަވާ ބޭފުޅެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެން ކަމުން ނައިބު ރައީސް އަލުން ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރައްވަން ޖެހިވަޑައި ނުގަންނަވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ނައިބު ރައީސްއާއި ހަވާލުކުރައްވާ، ހުވާކުރެއްވުމަށްފަހު، ގާނޫނީގޮތުން އެ ބާރުތަކާއި ރައީސް ސޯލިހް ހަވާލުވެވަޑައިގެންފައި ނުވާކަމަށެވެ. އަދި ނައިބު ރައީސް ރައީސް ކަމުގެ ހުވާކުރައްވައިފިނަމަ އަލުން ރައީސްއަށް ރައީސްގެ މަސްއޫލިއްޔަތާއި ހަވާލުވެވޭނެކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިދިކޮޅުން ގަބޫލުކުރަނީ ރާއްޖޭގެ މިހާރުގެ ގާނޫނީ ރައީސްއަކީ ފައިސަލް ނަސީމުކަމަށާއި އެހެންކަމުން މިއަދު އިއްވި ރިޔާސީ ބަޔާނަށް ޖަވާބުދޭން ނުވެސް ޖެހޭނެކަމަށެވެ.

މަޖިލީހުގެ މައިނޯރިޓީ މެމްބަރު އަހުމަދު ސަލީމްވެސް ވިދާޅުވީ ރައީސް ސޯލިހަކީ ގާނޫނީގޮތުން ރާއްޖޭގެ ރައީސްކަމަށް ގަބޫލު ނުކުރައްވާކަމަށާއި އެހެންކަމުން ރިޔާސީ ބަޔާނަށް ދޭންޖެހޭނެ ޖަވާބެއް އޮންނާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

33%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް