އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގައި ބޮޑު މާރާމާރީއެއް ހިންގާފައިވަނީ ހޯމަ ދުވަހު ހަވީރު ކަލާފާނު ސްކޫލާ ކ. ގުރައިދޫ ސްކޫލު ކުޅުނު މެޗުގެ ތެރެއިންނެވެ. މި މެޗުން 2-1 ން މޮޅުވީ ކަލާފާނެވެ.
މެޗުގައި ހިނގި މި މާރާމާރީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު މި ކަމާ ގުޅޭ ގޮތުން އެޑީއުކޭޝަން މިނިސްޓްރީން އަދި މުބާރާތް އިންތިޒާމް ކުރާ އެފްއޭއެމްއަކުންވެސް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު ވަނީ ސީރިއަސް ކަމެއްގެ ގޮތުގައި އެކަން ބަލާނެ ކަމަށް ވިދާޅުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރެފްރީއަށް ހަމަލާ ދިނީ ގުރައިދޫ ސްކޫލުގެ ކުޅުންތެރިއެއްގެ ބެލެނިވެރިއެކެވެ. އަދި އެ ޓީމުގެ ބައެއް ކުޅުންތެރިން ވެސް އެ ކަމުގައި ބައިވެރިވީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މެޗު ތެރެއިން ގުރައިދޫ ޓީމުގެ އޮފިޝަލަކަށް ރީނދޫ ކާޑެއް ދެއްކިކަން އެފްއޭއެމްގެ މެޗު ރިޕޯޓުން އެނގެއެވެ. އެނޫން އެހެން އެއްވެސް އޮފިޝަލަކަށް މެޗު ތެރޭން އެއްވެސް ފިޔަވަޅެއް އެޅީ ކަމެއް މެޗު ރިޕޯޓަކުން ނޭނގެއެވެ.