ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާއި، އިސްތިއުފާ ދެއްވުމުގެ ކުރިން ގައުމުގައި ހިނގައިދިޔަ ކަންތައްތަކާއި އަދި އިސްތިއުފާއަށް ފަހު ހިގައިދިޔަ ކަންތައްތަކަކީވެސް އެކި ގޮތްގޮތުން ތާރީހުގައި ލިޔެވިގެންދާނެ ދުވަހަކެވެ. އެއްބަޔަކު މިއަދުވެސް ގަބޫލު ކުރަނީ ބަގާވާތަކުން ވެރިކަން ވައްޓާލީ ކަމަށެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ގާނޫނާ ހިލާފަށް ފަނޑިޔާރަކު ހައްޔަރުކޮށްގެން ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި އައި ޕްރެޝަރުގައި ދެން ކަން ކުރައްވަންވީ ގޮތް އެނގިވަޑައިނުގެން ރައީސް ނަޝީދު އިސްތިއުފާ ދެއްވީއެވެ. އިސްތިއުފާއަށް ފަހު، ބޭރުގެ ތަޖުރިބާކާރުންނާއެކު ހެދި ބޮޑު އިންކުއަރީއަކުން ނިންމާފައިވަނީ ވެރިކަން ބަދަލުވީ ބަގާވާތަކުން ނޫން ކަމަށެވެ.
ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ދިޔައީ އޭރު އިދިކޮޅުގައި ތިބި ސިޔާސީ ފަރާތްތައް އެކައްޗެއް ކިޔައި، ހިންގަން ފެށި ސިޔާސީ ހަރަކާތްތަކާއި މުޒާހަރާތަކަށް ފަހުއެވެ. 22 ދުވަހުގެ މުޒާހަރާގެ ފެށުމަކަށްވެގެން ދިޔައީ އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ހިސާބުންނެވެ.
ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު ދެން މުޅި ގައުމަށް ސިހުން ގެނުވި ހަބަރަކަށް ވެގެންދިޔައީ ރައީސް ނަޝީދު ދިރިއުޅުއްވި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުކަމުގައިވާ، މުލިއާގޭން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފެނުނު ހަބަރެވެ.
މުލިއާގެ އިން ފެނުނު ރާފުޅިތައް ފުލުހުން ނޫސްވެރިންނަށް ދެއްކި އިރު އޭގެ ތެރޭގައި ދިވެހި ދައުލަތުގެ ނިޝާން ޖެހި ޓެގް އަޅުވައިގެން ފޮށި ފޮށީގައި ބަންދަ ކޮށްފައިވާ ރާފުޅިތައް ހުރި އިރު ބައެއް ފުޅިތަކަކީ ބޭރުގެ ބައެއް ފަރާތްތަކުން ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައި ހުރި ތަކެތި ކަން އެނގޭ ޓެގާއި ސިޓީ އުރަ ވެސް ހުއްޓެވެ. އަދި ބޭރުގެ ބައެއް ބޭފުޅުން ރައީސް ނަޝީދަށް ހަދިޔާއަށް ފޮނުވާފައިވާ ކަމަށް ލިޔެފައިވާ ޓެގްތައް ހުރި ރާފުޅި ވެސް ހުއްޓެވެ.
ފުލުހުން އޭރު ބުނީ ބައެއް ފުޅިތައް މުލިއާގެ ތެރެއަށް ވައްދާފައި ހުރީ އޭފޯ ސައިޒުގެ ސިޓީ އުރައިގެ ތެރޭ، އޭގެ ބޭރުގައި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ސެކިއުރިޓީ ޗެކްކޮށްފައި ކަމަށް ސްޓޭމްޕް ވެސް ޖަހައިގެން ކަމަށެވެ.