ނަފްސާނީ ސިއްހަތާއި ގުޅޭ ހިދުމަތްތަކާއި ބެހޭ ވަށާޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން އެ ހިދުމަތްތައް ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ސަރުކާރަށް ގޮވާލައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުالله ރިޔާޒް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މި ބަހުސްގެ ވަގުތުގައި ރައީސް ނަޝީދު ވަނީ އާސަންދައިން ކުރާ ހަރަދު އިތުރުވެފައިވާތީ އެކަންބޮޑުވުން ފާހަގަކުރައްވާފަ އެވެ. އެގޮތުން ނަޝީދު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ހިގާގޮތް ދައްކުވައިދޭ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި މިއަހަރުގެ ޖެނުއަރީ މަހު ހިނގި ހަރަދު ހަތަރު ގުނަ އިތުރުވެފައިވާތަން ދައްކާ ކަމަށެވެ.
މިދިޔަ އަހަރުގެ ޖެނުއަރީގައި އާސަންދައަށް ހަރަދުވެފައިވަނީ 67.9 މިލިއަން ރުފިޔާ އެވެ. މިއަހަރުގެ ޖެނުއަރީ މަހު ހަރަދުވެފައިވާ ކަމަށް ދައްކަނީ 283.4 މިލިއަން ރުފިޔާ އެވެ.
އެކަމާއި މެމްބަރުން ވިސްނަވާނެކަމަށް ޔަގީންކުރައްވާކަން ފާހަގަކުރައްވާ ރައީސް ނަޝީދު އިތުރަށް ވަނީ އެ މައުލޫމާތު ސަރުކާރުން އާންމުކުރަމުންދާއިރު އެކަންކަމަށް ބެއްލެވުމަށްވެސް އެދިލައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މަސް ދުވަސްތެރޭ އެވަރުގެ ބޮޑު ތަފާތެއް ހަރަދަށް އައުމުން އެއީ ސަރުކާރުން ވިސްނަވަން ޖެހޭ ކަމެއް ކަމަށެވެ.
އާސަންދައިގެ ހަރަދު ބޮޑުވުމާއިމެދު ރައީސް ނަޝީދު ސުވާލު އުފެއްދެވިއިރު، އާސަންދަ ދެމުން އަންނަ އުސޫލު ބަދަލު ކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަން ޖެންޑާ މިނިސްޓްރީން މިދިޔަ އަހަރުގެ ނޮވެމްބަރުތެރޭ ވަނީ ހާމަކޮށްފަ އެވެ.
އެކަން ހާމަކޮށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އޭރު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ހެލްތު އިންޝުއަރެންސް ސްކީމް ނުވަތަ އާސަންދައިން ހިދުމަތް ދެމުން އަންނަނީ މުޖުތަމައުގައި ތިބި ހުރިހާ ފަންތިއަކަށް އެއް ހަމައަކުން ކަމަށެެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތާއި ނުބައްދަލު ހޭދައެއް އާސަންދައިން ކުރަން ވަނީ މަޖުބޫރުވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ، ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، މިއަހަރުގެ ތެރޭގައި އެ ބިލު މަޖިލީހަށް ހުށައަޅުއްވާނެކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ.