ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އަމީނީ މަގުގެ ޑިޒައިން އާންމު ކުރަން މިނިސްޓްރީން ދެކޮޅު ހަދާކަން އެނގިވަޑައިނުގަންވާކަމަށެވެ. ނަމަވެސް ކޮންޓްރެކްޓުތަކުގައި ހުންނަ ބީއޯކިއު ފަދަ ތަކެތީގެ މައުލޫމާތު ހޯދަން އަހާކަމަށެވެ.
އަމީނީ މަގު ހެދުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ހާމަ ކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން، އެ ނިންމުން މިނިސްޓްރީން ހައިކޯޓުގައި އިސްތިއުނާފުކޮށްފިވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅުއެވެ.
ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރެއިން، ހާމަކުރަން ޕްލޭނިން މިނިސްޓްރީން ދެކޮޅު ހެދީ، އަމީނީ މަގު ތަރައްގީ ކުރުމުގެ ތަފްސީލީ ޑިޒައިން ކުރެހުންތަކާއި، މިނިސްޓްރީ އާއި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ދެމެދު އަމީނީ މަގު ހެދުމާ ގުޅޭގޮތުން ހެދިފައިވާ އެއްބަސްވުމެވެ.
މިނިސްޓަރު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުވެ ވަޑައިގަތީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރައްވާފައިވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. ހަސަން ލަތީފް ކުރެއްވި ސުވާލުގައި ވަނީ އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް ކުރާއިރު އެ މަގުގައި ހުރި ބިޔަ ގަސްތައް ކަނޑާލާފައިވާ މައްސަލއިގައެވެ.
މި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މަގުގައި ހުރި ގިނަ ގަސްތަކަކީ 'ގޮފިއެލޭ' ކިޔާ ގަސްތަކެއް ކަމަށެވެ. މަގުތައް ތަަރައްގީ ކުރާއިރު މަގުގެ އަޑިއަށް ޑީވޯޓަރިން ހޮޅިއާ، ނަރުދަމާ ތަރައްގީ ކުރަން ލާފައި ހުރި ހޮޅިތަކާ އަދި ކަރަންޓު އަޕްގްރޭޑް ކުރުމަށް ލާފައިވާ ހޮޅިތައް މަގުތަކުގެ އަޑިއަށް ލާނެކަމަށެވެ. ނަމަވެސް "ގޮފިއެލޭ" ގަސްތަކުގެ މޫތަކަކީ ވަރަށް ފުނަށް ފުޅާކޮށް ފެތުރޭ މޫތަކެއް ހުންނަ ގަސްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގައި ހުރި ގަސްތައް ކަނޑަނީ ސަރުކާރުގެ ސިޔާސަތެއްގެ ދަށުން ނޫންކަމަށެވެ. ނަމަވެސް ގަސްތައް ކަނޑަނީ "ޕްރެކްޓިކަލް ރީޒަން" (ގަބޫލުކުރެވޭ ސަބަބެއް) އެއް އޮވެގެން ކަމަށެވެ. މާލެއިން ކެނޑި ބައެއް ގަސްތައް ގެންގޮސް ހުޅުމާލެ އާއި ކުޑަގިރީގައި އިންދާފައިވާނެ ކަމަށް ވެސް މިިސްޓަރު ވިދާޅުވި އެވެ.