'ޕްރިވެންޝަން އޮފް މެރިން ލިޓަ އިންދަ ލަކްޝަޑްވީޕް ސީ' ނުވަތަ ޕްރޮމިސް ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި އުފައްދާ، ބޭނުންކުރުން ޕްރޮމޯޓުކުރުމަށް ޔޫރަޕުގެ އިއްތިހާދުގެ މާލީ އެހީ އާއެކު ދިވެހިރާއްޖެ އާއި ސްރީ ލަންކާ އާއި އިންޑިއާގައި މޫދަށް އެޅޭ ކުނިބުނި މަދުކޮށް ރައްކާތެރިކަމާ އެކު އެ ފަދަ ތަކެތި މެނޭޖުކުރުމަށް އުފައްދާފައިވާ ޕްރޮޖެކްޓެކެވެ.
މި މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރަނގަޅު ގޮތުގައި ކުނިބުނި މެނޭޖް ނުކުރެވުމުން މޫދަށް އެޅޭ ކުނި ގިނަވާ ކަމަށާއި މޫދު ތަގައްޔަރުވުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންތައް ލިބެމުންދާ ކަމަށެވެ.
ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ އެ މަނިކުފާނު ވިދާޅުވީ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ކުރުމަށް ސަރުކާރުގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.
ޕްރޮމިސް ޕްރޮޖެކްޓުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އުފައްދާ ކުނިބުނި ރަނގަޅުގޮތުގައި މެނޭޖުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލުމަށް އެހީތެރިވެދިނުމުގެ ގޮތުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމްއެންޔޫން ބުނެއެވެ. މި ޕްރޮޖެކްޓުގެ އަމާޒަކީ ޓެކްނޮލޮޖީގެ އެހީތެރިކަމާ އެކު ކުނިބުނި ތިމާވެއްޓާ ރައްޓެހި ގޮތުގައި މެނޭޖުކޮށް ނައްތާލުމާއި ފެން އިގުތިސޯދު ކުރުމުގެ އިތުރުން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އެހީތެރިވުމެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން 'އެމްއެސްއެމްއީ ގްރީން ފައިނޭންސް' މަސައްކަތު ބައްދަލުވުމެއް އެމްއެންޔޫގައި ވަނީ ކުރިޔަށް ގެންގޮސްފައެެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބައިވެރިވި މި ބައްދަލުވުމުގައި ފައިނޭންސިން އިންސްޓިޓިއުޝަންސް ގޮތުގައި ބީއެމްއެލް، އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީން ބައިވެރިވެ އެ ފަރާތްތަކުގެ ފައިނޭންސިން ސްކީމް ތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. ޓެކްނޮލޮޖީ ޕްރޮވައިޑަސްގެ ގޮތުގައި ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ސްޓެލްކޯގެ ޓެކްނިކަލް ބޭފުޅުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ކަމާ ބެހޭ މުއައްސަސާތަކުންނާއި އެސޯސިއޭޝަންސްތަކުންނާއި ތިމާވެއްޓާ ގުޅުންހުރި ޖަމިއްޔާތަކުން އަދި އިންޓަނޭޝަނަލް ބައެއް އޭޖެންސީތަކާއި އެކަޑެމިއާއިން ބައިވެރިވެފައިވެއެވެ.