
އޭނާ ހައްޔަރުކޮށްފައިވަނީ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީފުރުއްސާރަ ކުރި ކަމުގެ ތުހުމަތުގައި އިއްޔެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.
ފުލުހުން "ސީީއެންއެމް" އަށް ބުނިގޮތުގައި އެކަން ހިނގާފައިވަނީ މައްޗަންގޯޅީގައި ހުރި މިސްކިތެއްގަ އެވެ. އާއިލާއާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖިންސީފުރުއްސާރަ ކޮށްފައިވަނީ އުމުރުން 10 އަހަރުގެ ކުއްޖަކަށެވެ.
ބިދޭސީމީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ އޭނާއަށް އާންމުން ހަމަލާދޭން މަސައްކަތްކުރަމުން ދަނިކޮށެވެ. އެމިސްކިތުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުންދާ އެމީހާ މީގެ ކުރިންވެސް އެކި ދުވަސް މަތިން އެކުއްޖާއަށް ޖިންސީ ފުރުއްސާރަ ކޮށްފައިވާ ކަމަށް ވެއެވެ.
ވުލޫ ކުރާ ބައިގައި ހުރެގެން 10 އަހަރުގެ ކުޑަކުއްޖާއަށް އޭނާގެ ޖިންސީ ގުނަވަން ދައްކަައިގެން ހުރިތަން އިއްޔެ ފެނުނީ ވުލޫ ކުރަން ދިޔަ އެހެން ކުޑަކުއްޖަކަށެވެ. އެކަން މިސްކިތުގައި ތިބި އެހެން މީހުންގެ ސަމާލުކަމަށް ގެނައީ އެކުއްޖާ އެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ފުރުއްސާރަ ކުރުން ދަނީ އިތުރުވަމުން ނެވެ. މިކަމާއި ގުޅިގެން މީގެ ކުރިން ވެސް ބިދޭސީންގެ އިތުރުން އިތުބާރު ހިފޭ މަގާމުތަކުގައި ތިބޭ ދިވެހީންވެސް ހައްޔަރުކޮށްފައި ވެއެވެ.