ގުރައިދޫ ސްކޫލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހޯމަ ދުވަހުގެ މެޗަށްފަހު ސަޕޯޓަރުން ހިންގާފައިވާ ކުޅިވަރުގެ ރޫހާއި ހިލާފު ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެދުވަހުގެ ހަމަނުޖެހުން މީޑިއާތަކުން ރިޕޯޓްކުރިގޮތާއި މެދު ކަންބޮޑުވާ ކަމަށެވެ.
ސްކޫލްގެ ބަޔާނުގައި ބުނެފައިވަނީ އެދުވަހުގެ ހަމަނުޖެހުމުގައި ބައިވެރިނުވާ ދަރިވަރުންނާއި އޮފިޝަލުންގެ ފޮޓޯ އާއި ނަން ބޭނުންކޮށްގެން މީޑިއާތަކުގައި ހަބަރު ފަތުރަމުން ގެންދާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ގުރައިދޫ ސްކޫލްގެ ބަޔާނުގައި ވެއެވެ.
ގުރައިދޫ ސްކޫލުން ބުނީ މެޗަށްފަހު ހިނގި ކަންކަން މީޑިއާތަކުގައި ރިޕޯޓްކުރިގޮތުން ކުދިންނަށް ނަފްސާނީ ގެއްލުންވަމުންދާކަމަށެވެ. އަަދި ދަރިވަރުންނަށް ރައްދުވަމުންދާ ފުރައްސާރައިގެ ބަސްތައް ވަގުތުން ހުއްޓާލުމަށް ގޮވަލާކަމަށްވެސް ގުރައިދޫ ސްކޫލްގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން ހަގީގަތް އޮޅޭގޮތަށް ރިޕޯޓްކުރަމުންދާ ނޫސްތަކާއިމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ގުރައިދޫ ސްކޫލުންވަނީ ގޮވާލާފައެވެ.