އެމްޓީޑީސީގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އާ ލޯގޯ އާއި ވެބްސައިޓު އިފްތިތާހުކޮށްދެއްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ ކުންފުނިން ކުރަމުން އަންނަ ވިޔަފާރީގެ މޮޑެލް ބަދަލުކޮށް ހިއްސާދާރުންނަށް ލިބޭ ފައިދާ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ތަޒްމީލް ވިދާޅުވި ގޮތުގައި 2006 ވަނަ އަހަރު އުފެދުނު އެ ކުންފުނީގެ މަގުސަދަކަށްވީ ފަތުރުވެރިކަމުން ލިބޭ ނަފާ ރައްޔިިތުންނަށް ހޯދައިދިނުން ކަމުގައި ވީ ނަމަވެސް ކުންފުނި ހިންގުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެ ކަންކަމުން އަރައިގަނެ މަސައްކަތް ކުރަމުން ދިޔައީ ކުންފުންޏަކީ ހިއްސާދާރުންނަށް ފައިދާ ހުރި ކުންފުންޏަކަށް ހެދޭތޯ ކަމަށާއި އެކަން ހާސިލުވެ، އެމްޓީޑީސީއަކީ މިހާރު އަަހަރުން އަހަރަށް ފައިދާވަމުން އަންނަ ކުންފުންޏަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ތަޒްމީލް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ކުރިޔަށް ދިއުމަކީ އެމްޓީޑީސީގެ އަމާޒު ކަމަށާއި ރަށްތައް ކުއްޔަށް ދިނުމުގެ އިތުރުން ރިސޯޓު ތަރައްގީކުރަން އެ ކުންފުނިން ޕްލޭންކޮށްފައިވާ ކަމުގައެވެ.
އެމްޓީޑީސީގައި ރިސޯޓު ހިންގުމުގެ ގާބިލުކަން އެބަހުރިކަން ފާހަގަކުރައްވާ ތަޒްމީލް ވިދާޅުވީ ހދ. ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރު ފަށައި އަންނަ އަހަރު އެ ރަށުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ހަތް ފަންގިފިލާގެ އޮފީސް އިމާރާތެއް އެޅުމަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން 6،000 އަކަފޫޓުގެ ބިމެއް ގަނެފައިވާ ކަމަށާއި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ފެށޭނެ ކަމަށެވެ.
އެމްޓީޑީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން ދަނީ އެ ކުންފުނިން ތަރައްގީ ކުރުމަށްފަހު ދެ ކުންފުންޏަކަށް ސަބް ލީޒްކޮށްގެން ހިންގަމުންދާ އަނަންތާރާ ކިހަވަށް އަދި އަޔާޑާ މޯލްޑިވްސްއިންނެވެ. އެ ކުންފުނީގެ 47 އިންސައްތަ ހިއްސާ ސަރުކާރަށް އޮތްއިރު، 53 އިންސައްތަ ހިއްސާ އޮންނަނީ އާންމުންނަށެވެ.