ކުޑަގިރިއަށް ހާއްސަކޮށް ތައްޔާރުކުރެވުނު އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް އެ ރަށަށް ދިއުމަށް ބުކިން ހެއްދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ހަތަރެއް ޖެހިއިރެެވެ. ދުވާލަކު 500 މީހުންނަށް ކުޑަގިރިއަށް ދެވޭގޮތަށް ހަމަޖައްސާފައިވާއިރު، ހުޅުވާ ދުވަހު އެރަށުން ޖާގަ ދިނުމަށް ނިންމާފައިވަނީ 300 މީހުންނަށެވެ.
މުޅި ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކާ އެކު ކުޑަގިރި ހުޅުވާލާއިރު، ރަށަށް ދަތުރު ދިއުމަށް ބުކިން ހައްދާފައިވާ ފަރާތްތަކަށް އެ ހަރަކާތްތަކުގައި ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ބަންދު ދުވަސްތަކުގައި ކުޑަގިރި ހާއްސަކުރެވިފައިވަނީ ދިވެހިންނަށެވެ. ކުޑަކުދިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ލިބޭނެ ގޮތަށް އެ ރަށުގައި ވަނީ އިންތިޒާމުތައް ހަމަޖައްސާފައެވެ. ކުޑަގިރި ހުޅުވުމަށް ފަހު، އިތުރު ބޭނުންތަކަށް ހާއްސަ ޕެކޭޖްތައް ތައާރަފުކުރާނެ ކަމަށާއި އެ މަސައްކަތް ކުޑަގިރި ޓީމުން ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެއެވެ.