އެޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ، ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމަށް ނިހާން މިއަދު އައްޔަން ކުރެއްވުމާއިއެކު ނިހާނަކީ މިހާރު އެޕާޓީގެ ކައުންސިލް މެމްބަރެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ ލީޑަރުގެ އެޑްވަޒަރުންނަކީވެސް ކައުންސިލް މެމްބަރުންނެވެ.
އެޑްވައިޒަރުގެ މަގާމާއިއެކު ނިހާން ޖޭޕީގެ ކައުންސިލަށް އައްޔަން ކުރެއްވިއިރު، ރިޔާސީ އިންތިހާބަށް ނިންމަން ޖެހޭ ނިންމުންތައް ނިންމަން އެޕާޓީގެ ކޮންގްރެސް މިމަހުގެ 23 - 26 އަށް ބޭއްވުމަށް މިހާރުވަނީ ނިންމާފައެވެ.
ޖުމްހޫރީ ޕާޓީގެ އަަސާސީ ގަވާއިދު ބުނާގޮތުން، ރިޔާސީ އިންތިހާބު އޮންނަ އަހަރުގެ މާޗް މަސް ނިމުމުގެ ކުރިން އެޕާޓީގެ ގައުމީ ކޮންފަރެންސް ބާއްވަންޖެހޭ ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީންވެސް ތައްޔާރުވަމުންދާއިރު އެޕާޓީން ނިކުންނާނީ ކޯލިޝަނަކާއި އެކުތޯ ނުވަތަ ވަކިންތޯ ނިންމާނީ ގައުމީ ކޮންފަރެންސްގައެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން، އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު އެޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެއެވެ. އަދި ޕާޓީގެ ކެންޑިޑޭޓަކީ އެޕާޓީގެ ލީޑަރުކަމަށް އަސާސީ ގަވާއިދުގައި ބުނެފައި ވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ވިޔަފާރި ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރާހީމެވެ. ގާސިމްއަކީ މިހާރު ހިނގާ ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރުވެސް މެއެވެ.
ނަމަވެސް އެޕާޓީގެ ލީޑަރުގެ މަގާމު އުވާލާ ލީޑަރުގެ ބާރުތައް ރައީސްއަށް ދިނުމަށް އެޕާޓީގެ ކައުންސިލުން މިހާރުވަނީ ނިންމާފައެވެ. އަދި އެނިންމުމާއިގުޅޭ އެންމެ ފަހުގެ ނިންމުން އެޕާޓީގެ ކޮންގްރެސްގައި ނިންމާނެއެވެ.