މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ހާއްސަކޮށް ތަރައްގީކުރި ޕިކްނިކް އައިލެންޑް ކުޑަގިރި ރަސްމީކޮށް ހުޅުވުމުގެ ރަސްމިޔާތު މިއަދު ވަނީ ބާއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކުޑަގިރި ތަރައްގީކުރުމަށް އެޗްޑީސީ އާއި އެރަށް ހަވާލުކުރެވުނުއިރު އެރަށުގެ ކައިރީން ކުޑަ ރަށެއް ތަރައްގީކުރުމަށް ވެސް ނިންމިފައިވާނެ ކަމަށެވެ.
އެރަކީ ދަރިވަރުންނަށް ކޭމްޕުކުރެވޭނެ ގޮތަށް ހަމައެކަނި ދަރިވަރުންނަށް ހާއްސަކޮށް ވަކިން ތަރައްގީކުރެވޭނެ ރަށެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުޑަގިރީގެ މަސައްކަތް އެޗްޑީސީ އާއި ހަވާލުކުރެވުނު ދުވަހު، ދަރިވަރުންނަށް ހާއްސަކުރާ އެރަށްވެސް ކުޑަގިރިއާއިއެކު ބޭނުންކުރަން ފަށަން ޖެހޭނެ ކަމަށް ޝަރުތުކުރެވިފައިވާނެ ކަމަށެވެ.
އެކަމަކު އެރަށުގެ މަސައްކަތުގެ ތަފްސީލެއް އަދި އެޗްޑީސީން ހާމައެއް ނުކުރެ އެވެ. މިއަދު ރައީސް ވަނީ ދަރިވަރުންނަށް އެރަށް ވީހާވެސް އަވަހަށް ބޭނުންކުރެވޭ ވަރު ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
ކުޑަގިރި ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސް ސޯލިހުގެ ވައުދުތަކުގެ ތެރެއިން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖުތިމާއީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ވީ ވައުދު ފުއްދުމަށް މާލެ ސަރަހައްދުން ދަތުރު ދާނެ ރަށެއް ކަނޑައެޅުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފެށުނު މަޝްރޫއެކެވެ.
މާލެ އާ މާ ދުރު ނޫން ހިސާބެއްގައި އޮތް ކުޑަގިރި ފަޅުން އަށް ހެކްޓަރު ބިން ހިއްކައިގެން ތަރައްގީ ކުރެވުނު މި ރަށަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތަކާއި ހިދުމަތްތައް ލިބޭނޭހެން ރަށް ވަނީ ތައްޔާރުކޮށްފައެވެ.
ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް ހިލޭ ދަތުރު ކުރެވޭއިރު، އެނޫން ދުވަސްތަކުގައި މިރަށަށް އެރުމަށް ނަގަނީ 50 ރުފިޔާ އެވެ.