ads
ކުޑަގިރި ހުޅުވުމުގެ ރަސްމިޔާތުގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ——
ރައީސްގެ އެދުމަކީ ކުޑަބަޑޮހުގެ ޒަމާންވީ އުފާވެރި ތަޖުރިބާ ކުޑަގިރީގައި އިއާދަވުން
މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުދިއުމަށް ތަނެއް ތަރައްގީކުރުމުގެ ވައުދުގެ މަތީން ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލަންޑް މިއަދު ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހުޅުއްވައިދެއްވާފަ އެވެ. މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންމެ ފުރަތަމަ ވެސް ރައީސް ފާހަގަކުރެއްވީ މީގެ ކުރީން ޕިކްނިކް ދިއުމަށް ބޭންނުކުރި ކުޑަބަޑޮހުގެ ހަނދާންތަކެވެ.
Advertisement

ރައީސް ސޯލިހް ވިދާޅުވީ، އެމަނިކުފާނު މާލޭގައި ދިރިއުޅޭތާ 50 ހަކަށް އަހަރުވުމާއި ގާތްވަމުންދާއިރު، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މާލެއިން ގޮޑުދޮށުގެ ހިތްހަމަ ޖެހުމާއި އުފާވެެރިކަމުގެ އިހުސާސްތަކެއް ނުކުރެވޭ ކަމަށެވެ. 

މާލޭގެ ރައްޔިތުން އޭރު ހިތްހަމަ ޖައްސާލުމަށްޓަކައި ބޭނުންކުރީ ކައިރީގައި އޮތް ކުޑަބަޑޮސް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ އުފާވެރިކަންވެސް މާލޭ ރައްޔިތުން އަތުން މީގެ 10 ވަރަކަށް އަހަރުކުރީން އޭރު އޮތް ސަރުކާރުން ވަނީ އަތުލައިގަތްފައި ކަމަށެވެ. 

ކުޑަބަޑޮހަކީ އޭރުގައި މާލޭގައި ދިރިއުޅުނު އަދި މިހާރުވެސް ދިރިއުޅެމުންދާ އެތައް ބައެއްގެ ގިނަ އުފާވެރި ޒަމާންވީ ހަނދާންތަކެއް ގުޅިފައިވާ ތަނެއްކަން ފާހަގަކުރައްވާ ރައީސް ވަނީ އެމަނިކުފާނުގެ ތަޖުރިބާތަކާއި އުފާވެރި ހަނދާންތައްވެސް ހިއްސާކުރައްވާފަ އެވެ. 

ރައީސް ވިދާޅުވިގޮތުން އޭރު ކުޑަބަޑޮހަށް ދާން ބޭނުންނަމަ ނުނިދާ ހޭލާ ތިބެގެން ދަތުރުގެ ތައްޔާރީތައް ވާގޮތަކީ އުފާވެރި ހަނދާންތަކެކެވެ. ހޭލާތިބެ، އެއްގެއަކުން ރޮށި، އަނެއްގެއަކުން ރިހަ، އަނެއްގެއަކުން މަސްބަތްނަމަވެސް ހަދާ ތައްުޔާރުވެގެން ހެނދުނު ދޯންޏެއްގައި ފުރައިގެން ދެއެވެ. 

އެކަމަކު، މެންދުރާއި ހަމަޔަށް އަންނައިރު ތިބޭނީ ކޮންމެވެސް ހޭޅިއެއްގައި ހުންނަ މަގޫގަހެއްގެ ދަށަށް ބޯލައިގެން ނިދާފައެވެ. 

"އެއީ ވަރަށް އުފާވެރި ހިތްހަމަޖެހޭ ތަޖުރިބާއެއް. ރޭގަނޑު ހޭލާތިބެފައި ދަތުރު އައިސް އެގަޑީގައި އެހެން އުޅެލާފައި ރަށަަށް ދިއުން އެއީ ވަރަށް ބޮޑު އުފަލަކަށް ވޭ. އެއީ އޭރުގެ ތަޖުރިބާ. އަޅުގަނޑު ހިތުން މިތާ ތިއްބަވާނެ އެ ތަޖުރިބާ އެ އުފާވެރި މާހައުލުގައި އުޅެފައި ތިބި މީހުން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު ޒަމާނީ ވަސީލަތްތަކާއިއެކު މުޅިން އާ ދަތުރުދާ ރަށެއް ތަރައްގީކުރެވި ހުޅުވިގެންދާއިރު ކުރީގެ އެ ތަޖުރިބާތައް ކޮށްލެވޭނެފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެހިފައި އޮތުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށާއި، ހާއްސަކޮށް އެމަނިކުފާނުފަދަ މެދު އުމުރުގެ ފަރާތްތައް ނުހަނު ބޭނުންވާނެ ކަމެއް ކަމަށެވެ. 

"މިއީ [ރައްޔިތުން އަތުން ކުޑަބަޑޮސް އަތުލުމަކީ] ބޮޮޑު ކަންބޮޑުވުމަކަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޮތީ ވެފައި. މިއަދު އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މި އުފާވެރިކަން މި ހިތްހަމަޖެހުން ހޯދައިދިނުމަށް. ކުޑަގިރި ހިއްކާ، ދެން މިއީ އެހާ ފަސޭހަ ބަހެއް ނޫން އަޅުގަނޑަކަށް ބޭނުންކުރާކަށް އެކަމަކު ކުޑަގިރި ހިއްކާ ތަރައްގީކޮށް މިހާ ހިސާބަށް މިގެނައީ މި ބޭނުމުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަދިވެސް ކުޑަގިރީގައި ރައްޔިތުން ބޭނުންވާ ގިނަ ވަސީލަތްތައް ގާއިމުކުރަންޖެހިފައި ހުރިނަމަވެސް، މިހާތަނަށް ރަށުގައި ތަރައްގީކުރެވިފައިވާ ވަސީލަތްތަކުން ރަށަަށް ދަތުރު އަންނަ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. 

އެޗްޑީސީން ހާމަކޮށްފައިވާގޮތުގައި މީގެކުރީން ކުޑަބަޑޮހަށް ދަތުރު ދިޔައިރު ގެންދަންޖެހޭ ގޭސްފުޅިއާއި އެހެނިހެން ދަތުރުގައި ބޭނުންޖެހޭ ތަކެތި ކުޑަގިރި އަށް ދަތުރު އަންނަ ފަރާތްތަކުން ނުގެނަޔަސް އެ ބޭނުންތައް އެރަށުން ފުދެން ހުންނާނެ އެވެ. އަދި އެމީހަކު ބޭނުންވާ ފަދަ ހިދުމަތްތަކެއް ހޯދުމުގެ ތަނަވަސް ފުރުސަތު އޮންނާނެ އެވެ. 

އެކަމަކު، ހަމަ އެއާއިއެކު އޮފީސް ނިންމާލާފައި ކުޑަގިރިއަށް އައިސް ހަމައެކަނި ކޮފީއެއް ބޯލައިގެން ދާން ބޭނުންވާ މީހަކަށް ވެސް ކުޑަގިރި ވާނީ ހިތްހަމަޖެހޭ ތަޖުރިބާއެއް ގެނުވައިދޭ ތަނަކަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެހެންވެ، ކުޑަބަޑޮހުގައި އޭރުކުރި ދަތުރިބާ ކޮށްލެވޭނެ ފަދަ ތަނަަކަށްވެސް ކުޑަގިރި ވެގެންދާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް