ads
އެމްޓީސީސީގެ އެމްޑީ އާޒިމް އަދި ރައީސް ސޯލިހް ކުޑަގިރި ހުޅުވުމުގެ ރަސްމިޔާތުގައި
ޖަޒީރާ ތަރައްގީގައި ރައީސް ސޯލިހު ހިފަހައްޓާލުމަކީ ނާމުންކިން ކަމެއް: އާޒިމް
ވޯލްޑްކަޕުގައި އާޖެންޓީނާގެ ކެޕްޓަން ލަޔަނޮލް މެސީ ހިފަހައްޓާނުލެވުނުހެން، އިދިކޮޅު އެއްވެސް ލީޑަރަކަށް ޖަޒީރާ ތަރައްގީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިފަހައްޓާލުމަކީ "ނާމުންކިން" ކަމެއް ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ކުޑަގިރި ހުޅުވުމަށް މިއަދު ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ރައީސް ސޯލިހް އަކީ ރަށް ވެހި އަދި ޖަޒީރާ ތަރައްގީ ގެނައުމުގައި ފައިންޕުޅުގައި ދަތި އަޅުވައި އެއްވެސް އިދިކޮޅު ލީޑަރަކަށް ވައްޓާނުލެވޭނެ ހަމައެކަނި ލީޑަރު ކަމަށެވެ. 

"މަނިކުފާނަކީ އިދިކޮޅު ހިޔާލުގެ މީހުން ތިޔަ ފައިންޕުޅުގައި ދަތި އަޅުވައި ވައްޓާލަން މަސައްކަތްކުރާހާ ބާރަށް ތަރައްގީ އާއިގެން ދުވެވަޑައިގަންނަވާ ބާރު ސްޕީޑުގެ ލީޑަރެއް. ވޯލްޑްކަޕުގައި އިދިކޮޅު ޓީމަށް މެސީ ހިފަހައްޓާނުލެވުނު ފަދައިން ޖަޒީރާ ތަރައްގީގައި އިދިކޮޅު އެއްވެސް ލީޑަރަކަށް މަނިކުފާނު ހިފެހެއްޓުމަކީ ނާމުންކިން ކަމެއް، އިމްޕޮސިބަލް ކަމެއް." އާޒިމް ވިދާޅުވި އެވެ.

މިއަދު ހުޅުވި ކުޑަގިރީގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުވިގޮތް ސާފުކޮށްދެއްވަމުން އާޒިމް ވިދާޅުވީ، މާލޭ ރައްޔިތުންގެ އަތުން އެއްވެސް ރަހުމެއްނެތި ސަރުކާރަކުން އަތުލައިގެން ކުޑަބަޑޮހުގެ ފަޅުކަން ފިލުވައިދިނުމަށް ރައީސް ސޯލިހް ވެވަޑައިގެން ރިޔާސީ ވައުދު ފުއްދެވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ނައިބު ރައީސް ފައިސަލްގެ ފޯނު ކޯލެއް ލިބުނީ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ. 

އެމަސައްކަތުގެ ވާހަކަ ހިއްސާކުރުމަށް ނައިބު ރައީސް ފައިސަލްގެ ގެކޮޅަށް ވަޑައިގަތުމަށް އެދިވަޑައިގެން ކަމަށާއި، ގެއަށް ވަޑައިގަތުމުން އެމްޓީސީސީގެ މަޝްރޫއުތައް މިހާރު ހިންގަވާ ވަރަށްވުރެ މާ ބާރު ސްޕީޑުގައި ކުޑަގިރީގެ މަސައްކަތް ކޮށްދެވިދާނެތޯ އެއްސެވި ކަމަށެވެ. 

"އަޅުގަނޑު ހަމަ އެވަގުތު ދެންނެވިން ރައީސްގެ އެހާމެ މުހިންމު ވައުދުފުޅެއް ފުއްދައިދޭން އަޅުގަނޑު ހޭވައްލާ ތައްޔާރޭ. މި މަޝްރޫއު އާއިި ބެހޭ ވާހަކަތައް ފަހަށް ބާއްވާފައި ފުރަތަމަ މަސައްކަތް ފަށާމާ ހިގާށޭ،" އާޒިމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުނުއަރީ 27 ވަނަ ދުވަހު އެމްޓީސީސީން ކުޑަގިރި ހިއްކުމުގެ މަސައްކަތް ކުރަން ފެށި އެވެ. އާޒިމް ވިދާޅުވިގޮތުން ރައީސް ސޯލިހުގެ ތަސަައްވަރުގައި އޮތް އެ ޕިކްނިކް އައިލަންޑް ހަގީގަތަކަށް ހަދަން ފަށަންޖެހުނީ ކަނޑުގެ ފަސް ފޫޓު އަޑިން ކަމަށެވެ. އެކަމަކު 1.7 މީޓަރުގެ އުސްމިނުގައި، 8 މީޓަރުގެ ބޮޑުމިނުގައި ކުޑަގިރި ހިއްކާ މުޅި މަޝްރޫއު އެމްޓީސީސީން އެންމެ ފަސް މަސްދުވަސްތެރޭ ނިންމާލި އެވެ. 

އާޒިމް ވިދާޅުވީ، ރިޔާސީ ވައުދު ފުޅާއި އެއްގޮތަށް ކުޑަގިރި ރައީސް ސޯލިހް ހައްދަވައިދެއްވީ މާލޭ ރައްޔިތުން އަތުން ބީވި ކުޑަބަޑޮހުގެ ދެގުނަ ރަށެއްގެ ގޮތުގައި ކަމަށާއި، އެޔާއިއެކު ރައީސް ސޯލިހު މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހޯއްދަވާދެއްވާފައި މިވަނީ "ގެއްލުނު އުފާ" ކަމަށެވެ.

އާޒިމް ވިދާޅުވިގޮތުން ރައީސް ސޯލިހުގެ ޒައާމަތުގައި:

  • ހިންމަފުށީ ބަނދަރު ނިންމި
  • މާފުށީ ބިން ހިއްކާ ޕިކްނިކް އައިލަންޑް ނިންމި
  • ގުރައިދޫ ބިން ހިއްކާ، ޕިކްނިކް އައިލަންޑް ނިންމި

ރައީސް ސޯލިހުގެ ޒައާމަތުގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަތައް ދައްކަމުން ނޭވާ ހުސްވިޔަސް ތަރައްގީގެ ވާހަކަތައް ހުސްނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް އިތުރަށް ވިދާޅުވީ ކ. އަތޮޅުގެ މަޝްރޫއުތަކަށް އެކަނި ބަލައިލުމުންވެސް ހާމަވާ ހަގީގަތަކީ ރާއްޖެ ތާރިހު ދުއް ތަރައްގީގެ އެންމެ ހެޔޮ އަސަރު މުޅި ރާއްޖެއަށް ފެތުރުއްވި ރައީސްކަން ކަމަށެވެ.

"ޖަޒީރާވަންދަ ތަރައްގީގެ މި ސާފު ހަގީގަތް ރާއްޖޭގެ ކޮންމެ ރަށަކުން އެއޮތީ ފެންނަން. އެ ފެންނަނީ މަނިކުފާނުގެ ވައުދުފުޅުގެ ތެދުކަން. އެ ހާމަކޮށްދެނީ ރާއްޖޭގެ ތާރީހު ދުއް އެންމެ ބަރާބަރު ސަރުކާރަކީ މިއީކަން. ޝައްކުނުކުރައްވާ." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ދުވަސްތެރޭގައި 135 މަޝްރޫއުއެއް އެމްޓީސީސީން އެކަނިވެސް ހިންގާ ރައްޔިތުންނާއި ހަވާލުކޮށްފައިވާ ކަމަށާއި މިހާރުވެސް 130 މަޝްރޫއެއްގެ މަސައްކަތް ހިގަމުންދާ ކަމަށެވެ. އާޒިމް ވިދާޅުވީ ކޮންމެ 11 ދުވަހަކުން ތަރައްގީގެ މަޝްރޫއުއެއް އެމްޓީސީސީން އެކަނިވެސް މި ސަރުކާރުގެ ނިންމަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް