
އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ލިބިފައިވާ ކަމަކަށްވެސް ނުވަތަ ހޯދަން ކުރެވެމުންދާ މަސައްކަތުގެ ތަފްސީލެއްވެސް ފުލުހުން ނުދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސީއެންއެމް" އަށް ވިދާޅުވީ އަދިވެސް އޭނާ ނުފެންނަ ކަމަށާއި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އުމުރުން 31 އަހަރުގެ އާސިރު ގެއްލިގެން ހޯދާތާ މިއަދަށް ވަނީ އަށް ދުވަސް ވެފައެވެ. އާއިލާއިން ބުނާގޮތުން އޭނާ އެންމެ ފަހުން ފެނިފައިވަނީ އޭނާ މަސައްކަތްކުުރާ އާއިލާގެ ފިހާރައަށް ދާން 19:30 ގައި ގެއިން ނިކުތްއިރު އެވެ.
ހުޅުމާލޭގައި ހުންނަ އެ ފިހާރައަށް ދާން 19:30 ގައި އޭނާ ގެއިން ނިކުތީ ފިހާރައަށް އާންމުކޮށްދާ 20:00 އަށް ފިހާރައަށް ދެވޭނީ އެހާއިރު ގެއިން ނިކުމެގެން ކަމަށްވާތީ އެވެ.
އާއިލާއިން ބުނިގޮތުގައި ކޮންމެ ދުވަހަކުވެސް އެގަޑިއަށް ފިހާރައަށް ގޮސް އެގާރަ ޖަހާކަށް ހާއިރު ފިހާރަ ނިންމާގޮތަށް އަންނަނީ ގެއަށެވެ. މާގިނަ ރަށްޓެހިން ނުގެންގުޅޭ އާސިރަކީ މާގިނައިން ބޭރަށް ދާވެސް މީހެއް ނޫނެވެ. އާންމުކޮށް ފިހާރައަށް ދަނީ ސައިކަލުގައި ނަމަވެސް އެދުވަހު ގެއިން ނިކުމެފައިވަނީ ތަޅުދަނޑި ގޭގައި ބާއްވާފައި ހިނގާފަ އެވެ.
އާސިރު ދިރިއުޅެމުންދިޔައީ އޭނާގެ މައިންބަފައިންނާއި ދެ އަންހެން ކޮއްކޮ އާއިއެކު ހެންވޭރުގައި ހުންނަ ގެއެއްގަ އެވެ. ކިލޯ ގްރާމު ކުރިމައްޗަށް ހުންނަ ގޯޅީގައި ހުންނަ އާސިރުގެ ގެއިން އޭނާ އެދުވަހު ނިކުންނަތަން އެ ފިހާރައިގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
ގެއިން ނިކުމެގެން ގޮސް ދެން ވީގޮތެއް ނޭނގެ އެވެ. އޭނާ ދިޔައީ ކޮންތާކަށް ކަމެއް ނޭނގެ އެވެ. އާއިލާއިން ބުނާގޮތުން އެދުވަހު ހުޅުމާލޭގައި ހުންނަ އޭނާ މަސައްކަތްކުރާ ފިހާރަށް ގޮސްފައެއް ނުވެއެވެ.
އެންމެ ފަހުން އޭނާގެ ފޯނަށް ރިންގުކުރެވިފައިވަނީ ގެއްލުނު ރޭ ދަންވަރު 2:45 ހާއިރު އެވެ. އެރޭ ފޯނު ލޮކޭޓުވެފައިވަނީ ހެންވޭރު ރެޑްވޭވް ހެޑް އޮފީސް ސަރަހައްދުން ނެވެ. އެފަހުން އޭނާގެ ފޯނަކަށްވެސް ނުގުޅެވެ.