ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހިނގާބިނގާވެ އުޅޭ މީހުންނާއި އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ރައްކާތެރި، އަމާން މާހައުލެއް ކަށަވަރުކުރުމަށް މާލޭ އޭރިޔާގެ މަގުތައް ތަރުތީބުކުރުމާއި ޓްރެފިކް ފްލޯއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، ކަނޑައެޅޭ ހާއްސަ ސަރަހައްދުތަކެއްގައި ޓްރެފިކް އަދި ޕާކިން ހަމަޖެއްސުމާއި މަގުތައް ތަރުތީބުކުރުމަށް، ފުލުހުންގެ ފަރާތުން މިވަގުތު މާލޭފައި ހާއްސަ މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ.
މި މަސައްކަތުގެ ތެރެއިން:
ނުގަވާއިދުން ޕާކުކޮށްފައިވާ ސައިކަލުތައް ނެގުމުގެ މަސައްކަތް އިއްޔެވެސް ކުރިއަށް ގެންގޮސްފައިވޭ
ފުލުުހުން ބުނީ، އެ މަސައްކަތަކީ މާލޭ އޭރިޔާގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން މާހައުލެއް ކަށަވަރުކޮށްދީ، ފުލުހުންގެ ހިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ އިސްކަމެއްދީގެން ފުލުހުންގެ ހިދުމަތުން މި އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.
މާލޭގެ މަގުތަކުގައި ޕާކު ކުރުމުގެ ދަތިކަން އޮއްވާ، ޕާކުކުރާނެ ޖާގަ ނުދައްކާ އުޅަނދުތަކުގައި ސްޓިކާ ޖަހަމުންދާތީ ގިނަ ބަަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. ޕާކުކުރުން މަނާ ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކެއްގައި މިފަހުންވެސް ވަނީ ސްޓިކާ ޖަހާފަ އެވެ.