
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މާއްދާއަކާ ގުޅޭގޮތުން 2013 ވަނަ އަހަރު، އިމާދު ސޯލިހު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް އެ ކޯޓުން މިއަދު ނިންމީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ރިޔާސަތު ބެލެހެއްޓެވި ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ.
މި މައްސަލައިގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރުގެ އިތުރުން އައިޝާ ޝުޖޫން، އަލީ ރަޝީދު ހުސެއިން އަދި ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒްއެވެ. އުއްތަމަ ފަނޑިޔާރުގެ ރައުޔަށް މި މައްސަލައިގައި ބެންޗުގައި ތިއްބެވި އަނެއް ހަތަރު ފަނޑިޔާރުންވަނީ ތާއީދު ކުރައްވާފައެވެ.
މިއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މާއްދާއަކާ ގުޅޭގޮތުން އޭރުގެ ގައުމީ ޕާޓީގެ ފަރާތުން އިމާދު ސޯލިހު ހުށަހެޅުއްވި މައްސަލަ އެކެވެ. އޭނާ ހުށަހެޅުއްވީ 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް އެ ގާނޫނުގައި އޮތް މާއްދާ ބާތިލު ކޮށްދިނުމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ފާހަގަކުރީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ގައުމުގެ އާންމު މަސްލަހަތު ހިމެނޭ ނުވަތަ ދައުލަތުގެ ދެ ބާރެއްގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ކަމަށެވެ. އެ ނޫން ދުސްތޫރީ މައްސަލަތައް ހުށަހަޅަން ޖެހޭނީ ހައި ކޯޓަށް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
2013 ވަނަ އަހަރު މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތީ ކޮން ގޮތަކަށް ރިއާޔަތް ކޮށްގެން ކަން އެ ކޯޓުން މައްސަލަ ބަލައިގަތް ލިޔުމުން އެނގޭކަށް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެއީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓުން ބެލޭނެ ދުސްތޫރީ މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.