ގޮއިދޫއަކީ ޒަމާނުއްސުރެ ދަނޑުވެރި ރަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮއިދޫގައި ހަދާ ފުޓްސަލް ދަނޑު އަދި ވޮލީ ކޯޓުގެ މަސައްކަތް ކުރިއަށް ނުދާތީ އެ ރަށު މީހުން ހިތްހަމަނުޖެހި އެތަންތާގައި ގަސް އިންދީއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުއްޓިފައި އޮތް ފުޓްސަލް ދަނޑުގައި އެ ރަށު މީހުން އިންދީ ފަޅޮލާއި ފަތްކޭލެވެ. އަދި ވޮލީ ކޯޓުގައި އިންދީ ފަޅޮލެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކުޅިވަރު ދަނޑުތަކުގައި ފަތްކޭލާއި ފަޅޯ އިންދީ ރޭގެ ވަގުތެއްގައެވެ.
ގޮއިދޫ ފުޓްސަލް ދަނޑުގެ މަސައްކަތަކީ މިދިޔަ އަހަރުގެ ތެރޭގައި ނިމިފައި އޮންނަން ޖެހޭ މަސައްކަތެކެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ރަށު ފުޓްސަލް ދަނޑުގެ މަސައްކަތް ހަވާލުކުރީ ހަތަރު މަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެކަމަކު އަދިވެސް މަސައްކަތް ނުނިމޭއިރު މިހާރު އެއްވެސް ކަމެއް ނުކުރާތާ ދެ ހަފްތާއެއްހާ ދުވަސްވެފައިވާ ކަމަށްވެއެވެ. މިއީ އަށްލައްކަ ރުފިޔާގެ ޕްރޮޖެކްޓެކެވެ.