އެމްޓީޑީސީން ބުނެފައިވާ ގޮތުގައި މި ޖަލްސާއަކީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބޯޑަށް ހޮވިވަޑައިގެންނެވި އަހުމަދު މުޖުތަބާ މިދިޔަ އަހަރުގެ ޖުލައި މަހު ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފައިވާތީ އެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާއެއް ކަމުގައެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެށޭ މަހުގެ ދެވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު:
- މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް 'ފަހިވޯޓް' މެދުވެރިކޮށް
- ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް
އެމްޓީޑީސީ އަކީ ފަތުރުވެރިކަމުން ލިބޭ ނަފާ ރައްޔިިތުންނަށް ހޯދައިދިނުމުގެ މަގުސަދުގައި 2006 ވަނަ އަހަރު ސަރުކާރުން އުފެއްދެވި ކުންފުންޏެކެވެ.
އެ ކުންފުނިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފައިދާގެ ގޮތުގައި 2.9 މިލިއަން ޑޮލަރު (44.5 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.
އެމްޓީޑީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން ދަނީ އެ ކުންފުނިން ތަރައްގީ ކުރުމަށްފަހު ދެ ކުންފުންޏަކަށް ސަބް ލީޒްކޮށްގެން ހިންގަމުންދާ އަނަންތާރާ ކިހަވަށް އަދި އަޔާޑާ މޯލްޑިވްސްއިންނެވެ. އެ ކުންފުނީގެ 47 އިންސައްތަ ހިއްސާ ސަރުކާރަށް އޮތްއިރު، 53 އިންސައްތަ ހިއްސާ އޮންނަނީ އާންމުންނަށެވެ.