
އެސްޓީއޯއިން ބުނި ގޮތުގައި މި ޕްރޮގްރާމުގެ އެންމެ ބޮޑު އެއް އަމާޒަކީ މުވައްޒަފުންގެ މަސައްކަތާއި ދިރިއުޅުމުގެ ބެލެންސަށް އެހީތެރިވެދިނުމާއި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ބިނާކުރުމަށް އެހީތެރިވެދިނުން ކަމުގައެވެ.
އެ ކުންފުނިން ގަސްތުކުރަނީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ އެކިއެކި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށްކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯ 'ލިޓްލް ވޮންޑާސް' ޕްރޮގްރާމް ފައްޓަވައިދެއްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ޖެނެރަލް މެނޭޖަ އޮފް ޕީޕަލްސް އޮޕަރޭޝަންސް މަރިޔަމް ނުޒުލާއެވެ.
އެސްޓީއޯގެ މެނޭޖްމަންޓުގެ ހާއްސަ އިސްނެގުމަކާ އެކު ފެށި މި ޕްރޮގްރާމުގައި އެ ކުންފުނީގެ ކޮންމެ މުވައްޒަފަކަށްވެސް ބައިވެރިވެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯގެ އެއްވެސް މުވައްޒަފެއް ބާކީ ކުރުމަކާ ނުލާ، ހުރިހާ މުވައްޒަފުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހުޅުވާލުމުގެ އަމާޒާ އެކު ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އަށް އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް، ރަޖިސްޓްރީކޮށްފައިވާ ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިވުމަށް ކޮންމެ މަހަކު 2،500 ރުފިޔާ އާ ހަމައަށް އެހީތެރިވެދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން ބުނީ މުވައްޒަފުންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ފުޅާކޮށް ބާރުއެޅުމުގެ އަމާޒުގައި ކުންފުނިން ކަނޑައަޅާ ވަކި ފެސިލިޓީތަކެއްގައި ހުރިހާ މުވައްޒަފުން ރަޖިސްޓްރީ ވުމުގެ ބަދަލުގައި، އެ މުވައްޒަފަކު ބޭނުންވާ އަދި އިތުބާރު ކުރެވޭ ފެސިލިޓީއެއްގައި އެސްޓީއޯ މެދުވެރިކޮށް ރަޖިސްޓްރީވުމުގެ އިހުތިޔާރު ދޫކޮށްލެވިފައިވާ ކަމަށެވެެ.
އެސްޓީއޯ 'ލިޓްލް ވޮންޑާސް' ޕްރޮގްރާމް: އަށް އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް، ކޮންމެ މަހަކު 2،500 ރުފިޔާ އާ ހަމައަށް އެހީތެރިވެދޭނެ - ފޮޓޯ:އެސްޓީއޯ
އެސްޓީއޯ ތަރައްގީކުރުމުގައި ދެޖިންސުގެ މީހުން ވެސް މުހިންމު ދައުރެއް އަދާކުރާކަން ހާމަކޮށް އެ ކުންފުނިން ބުނެފައިވަނީ އެގޮތުން މަސައްކަތްކުރާ ބެލެނިވެރިންނަކީ ގައުމުގައި ޑިމޮގްރަފިކް ޓްރެންޑެއް އިތުރުވަމުންދާ ކަމެއް ކަމަށާއި އެވްރެޖްކޮށް ބެލެނިވެރިން ދުވާލަކު އަށް ގަޑިއިރު މަސައްކަތުގައި ހޭދަކުރާ ކަމަށެވެ.
ކުޑަކުދިން ބަލަހައްޓައިދިނުމަކީ އަބަދުވެސް މަސައްކަތް ކުރާ ބެލެނިވެރިންގެ ވަރަށް ބޮޑު ބޭނުންތެރިކަމެއް ކަމަށާއި އެ ކުންފުނިން ދެކޭ ގޮތުގައި ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް އެކުލަވާލުމުގައި ކޮންމެހެންވެސް ކުރުން ލާޒިމުކަމެއް ކަމުގައި ދެކޭ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.
އަދާކުރާ ވަޒީފާ އާއި ދިރިއުޅުމަކީ ގުޅުމެއް ނެތް ތަފާތު ދެ ކަމެއް ކަމުގައި ދެކުން މާޒީވެއްޖެ ކަމަށާއި ދިރިއުޅުމުގައި ދިމާވާ ކަންކަމުން މަސައްކަތަށް އަސަރު ކުރާނެކަމީ އަދުގެ ކުންފުނިތަކުން ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ދިރިއުޅުމާއި މަސައްކަތް ބެލެންސް ކުރުމުގައި އެހީތެރިވެ ދިނުމުގައި ކުންފުނިތަކުގެ ދައުރު ބޮޑު ކަމަށާއި މިފަދަ ބަދަލުތައް ތައާރަފުކޮށް ކިޔައިދިނުމުގައި އެ ކުންފުނީގެ ދައުރުވެސް އެހާމެ ބޮޑު ކަމުގައި އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން އަބަދުވެސް އަންނަނީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ ތަފާތު މައްސަލަތައް ދެނެގަތުމުގައި ސާވޭތައް ހަދަމުންކަން ފާހަގަކޮށް އެ ކުންފުނިން ބުނެފައި ވަނީ ޑޭކެއާ ހިދުމަތާއި ބޭނުން ދެނެގަތުމުގެ މަސައްކަތްތައް ކުރަމުން ގެންދާތާ އަހަރެއް ފުރިހަމަވެފައިވާ ކަމަށެެވެ.
އެ ކުންފުނީގެ އުންމީދަކީ އެސްޓީއޯ 'ލިޓްލް ވޮންޑާސް' ޕްރޮގްރާމާ އެކު ކުޑަކުދިންނަށް ހާއްސަ ފެންވަރު ރަނގަޅު މާހައުލެއްގައި ކުދިންގެ އިޖުތިމާއީ ހުނަރާއި އިލްމު ބިނާކުރުމަށް ހާއްސަކޮށްފައިވާ ޕްރޮގްރާމްތަކާ އެކު، ކުދިންނަށް ހާއްސަ ހިދުމަތްތަކެއް ލިބިގެން ދިއުން ކަމުގައި އެސްޓީއޯއިން ބުނެއެވެ.