ކެމްޕެއިން ލޯންޗް ކުރުމަށް ޕޯސްޓް ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ހަރަކާތުގެ ފަރާތުން ވާހަކަދައްކަވަމުން އައްޝައިހް އަބްދުﷲ ރަޝީދު ވިދާޅުވީ، މިހަރަކާތަކީ އިސްލާމީ އުއްމަތުގެ ބަޔަކަށް ބޮޑުކާރިސާއެއް ދިމާވުމުން ވީވަރަކުން އެހީވުމަށް ފެށުނު ކެމްޕެއިނެއް ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ރައްޔިތުންނަކީވެސް މުސްލިމުންކަމަށް ވެފައި އުއްމަތުގެ ބަޔަކަށް މިވަރުބޮޑު ކަމެއް ދިމާވެގެން އުޅޭއިރު ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ޝައިހް ރަޝީދު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ތުރުކީއާއި ސީރިއާއަށް ކުރިމަތިވި ބިންހެލުމުގެ ހާދިސާއަކީ މި ގަރުނުގައިވެސް ދިމާވި މިފަދަ އެންމެބޮޑު އެއް ކާރިސާ ކަމަށެވެ.
އެހެންކަމުން މިކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން އިސްނަގައިގެން އިލްމުވެރިންނާއި މަދަނީ ޖަމިއްޔާތައް ހުޅިގެން ހިންގާ "އެއް އުންމަތެކޭމީ" ކެމްޕެއިންގެ ދަށުން އަންނަ ހުކުރު ދުވަހުން ފެށިގެން ފަންޑުފޮށި ބެހެއްޓުމަށްވަނީ ނިންމާފައެވެ.
އެގޮތުން ހުކުރު ދުވަހުން ފެށިގެން މާލޭގެ ހުރިހާ މިސްކިތެއްގައާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ބޮޑެތި މިސްކިތްތަކުގައި ފަންޑުފޮށި ބަހައްޓާނެކަމަށް މި ހަރަކާތުން ބުނެއެވެ.
ތުރުކީއާއި ސީރިއާއަށް ކުރިމަތިވި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މިހާތަނަށް 40000 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އޭގެތެރެއިން 35000 އަށް ވުރެ ގިނަ މީހުންނަކީ ތުރުކީ ސަރަހައްދުން މަރުވި މީހުންނެވެ.