ads
ސްޕްރީމް ކޯޓު
ސުޕްރީމް ކޯޓުގައި 10 އަހަރު. އިންސާފު ލިބޭނެތަ؟
ގާނޫނީ ބޭފުޅުން ވަރަށް ގިނައިން ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. "ޖަސްޓިސް ޑިލޭޑް އިޒް ޖަސްޓިސް ޑިނައިޑް" އެވެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުމެވެ.
Advertisement

ފަނޑިޔާރުގެ އިސްލާހުކުމުގެ ވާހަކައަކީ މި ވޭތިވެ ދިޔަ 15 ވަރަކަށް އަހަރު، ހަމަ ކޮންމެ ވެރިކަމެއްގައިވެސް ހަމަ ކެނޑިނޭޅި ދެއްކި، އަދި މިހާރުވެސް ދައްކަމުން ގެންދާ ވާހަކައެކެވެ. ފަނޑިޔާރުގެ ނަޒާހަތްތެތިވުމާއި އިންސާފުވެރިވުމާއި ކޯޓުތައް ޓްރާންސްޕޭރަންޓްވުމާއި ދެން މިހެން ގޮސް އެތައް ވާހަކައެކެވެ.

އެކަމަކު ސުވާލަކީ މި ހުރިހާ ދުވަހަކު މި ވާހަކަ ދައްކައިގެން އެއްވެސް މިންވަރަކަށް ފަނޑިޔާރުގެ އިސްލާހު ވެއްޖެތޯއެވެ؟ އެއްބަޔަކު ވަރަށް ފަސޭހައިން މި ސުވާލުގެ ޖަވާބު އާން ވެއްޖޭ ބުނެ ދާނެއެވެ. އަނެއް ބަޔަކު އެ ވާހަކަ ގަބޫލެއް ނުކުރާނެއެވެ.

ފެށުމުގައި އަޅުގަނޑު ދެންނެވިހެން، އިންސާފު ލަސްވުމަކީ އިންސާފު ނުލިބުމެވެ. އެންމެ މަތީ ކޯޓުން މައްސަލައެއް ނިންމަން 10 އަހަރު ނެގުމަކީ ގަބޫލު ކުރަން ދަތި ކަމަކެވެ. އަދި 10 އަހަރަށް ފަހު ކޯޓުން މި ނިންމީ އެއީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ! އެކަން އެ ގޮތަށް ނިންމަން 10 އަހަރު ނެގުމަކީ އެއްގޮތަކަށްވެސް ބަލައިގަންނަން ފަސޭހަ ކަމެއް ނޫނެވެ.

މައްސަލަތައް ލަސްވުމަކީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާކަން ރައީސުލް ޖުމްހޫރިއްޔާވެސްވަނީ ފާހަގަ ކުރައްވާފައެވެ. ޖުޑީޝަލް އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކަމުގެ މުއާލާތް ނުކެނޑެނީސް ހުކުމް ކުރުމުގެ މުހިއްމު ކަމުގެ ވާހަކައެވެ.

“ދިވެހިރާއްޖޭގެ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު، މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް މިހާރު އަޅުގަނޑަށް ދެންނެވިދާނެ. ފަނޑިޔާރުގޭގެ ނިންމުންތަކާއި މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން. ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެދެނީ، އަދުލަށް ހުކުމް ކުރުމުން. އަދި އެ ހުކުމަކީ، ކަމުގެ މުއާލާތް ނުކެނޑެނީސް، ނުވަތަ ވަގުތު ފާއިތުވުމުގެ ކުރިން އިއްވާ ހުކުމަކަށްވެސް ވާންޖެހޭނެ. މިއަދުވެސް ބައެއް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކޯޓުތަކުން މައްސަލަތައް ލަސްވުން” ރައީސް ސޯލިހް ވިދާޅުވިއެވެ.

މައްސަލަތައް އަވަސްކަމާ އެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ވިދާޅުވިއެވެ. ޖުޑިޝަރީއަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށް، މާޒީގެ ތަޖުރިބާއާއެކު ކުރިއަށް އޮތް ތަނުގައި އެ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމުގެ ތަސައްވުރަށް ކިޔައިދެއްވަމުން އުއްތަމަ ފަނޑިޔާރު ދެއްވި ޔަގީންކަމަކީވެސް އެއީއެވެ.

"ޝަރުއީ ދާއިރާއިން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނު އަސާސީއާއި ގާނޫނުގެ ވެރިކަން ނަގަހައްޓައި ކަށަވަރުކޮށްދީ ރައްޔިތުންނަށް އަވަސްކަމާއި އެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ވިދާޅުވި އެވެ.

އެކަމަކު ސުވާލަކީ އެ އަވަސްކަން ފަނޑިޔާރުންގޭން ފެނިއްޖެ ހެއްޔެވެ؟ ދަށު ކޯޓުން ކުރާ ހުކުމެއް ތަންފީޒުކޮށް ނިމޭފަހުން އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް މަތީ މަރުހަލާއިން ކަނޑައެޅީ ކިތައް ފަހަރު ހެއްޔެވެ؟ އެ ހާލަތުގައި އެ ހުކުމް ތަންފީޒުކޮށް ނިންމި މީހާއަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކާކުހެއްޔެވެ؟

އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފުން ޝަރީއަތް ކުރުމަކީ ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. މި ހައްގު، ގާނޫނު އަސާސީގައި އެ ބުނާ "އެކަށީގެންވާ މުއްދަތެއްގެ" ތެރޭގައި ކުރެވެނީ ކިހާވަރަކަށް ހެއްޔެވެ؟

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް