އޭނާ ސަސްޕެންޑް ކުރީ މުސާރަ އާއި އިނާޔަތް ލިބޭގޮތަށް މިއަދު އެވެ.
ޖޭއެސްސީން ބުނިގޮތުން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއްގައި މެޖިސްޓްރޭޓް އަހްމަދު އަކްރަމް ހުކުމްކޮށް 10 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ހުލާސާ ރިޕޯޓެއް ދައުވާގައި ހިމެނޭ ފަރާތްތަކަށް ދޫކުރި އެވެ.
އެ ހުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް 2020 ފެބްރުއަރީ 19 ގައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އެ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހައިކޯޓަށް ފޮނުވާފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމުގައި ހިމެނޭ ހުލާސާ ރިޕޯޓުގެ ބަދަލުގައި އެ ރިޕޯޓުގައި ނުހިމެނޭ އިތުރު ނުކުތާތަކެއް އިތުރުކޮށްފައިވާ ހުލާސާ ރިޕޯޓެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
އެ ހުލާސާ ރިޕޯޓަށް އަހްމަދު އަކްރަމް އިތުރުކޮށްފައިވާ ނުކުތާތަކަކީ ހުކުމް ކުރި ޝަރީއަތުގައިވެސް އޭނާ އިތުރުނުކުރާ ނުކުތާތަކެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
އެ ގަޒިއްޔާގައި ހުކުމްކޮށް ހުލާސާ ރިޕޯޓު ދޫކުރިފަހުން، ހުކުމް ކުރި ޝަރީއަތުގެ މަޖިލީހުގައިވެސް މެޖިސްޓްރޭޓް އަހްމަދު އަކްރަމް ފާހަގަކޮށްފައިނުވާ އިތުރު ނުކުތާތަކެއް ހުލާސާ ރިޕޯޓަށް އިތުރުކުރުމަކީ މެޖިސްޓްރޭޓް އަހްމަދު އަކްރަމް އިއްވި ހުކުމަށް ނުވަތަ ހުކުމަށް ވާސިލުވި ނުކުތާތަކަށް ފަހުން ބަދަލު ގެނައުންކަމަށް ޖޭއެސްސީން ބުންޏެވެ. އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަމެކެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމަށް ބަދަލު ގެނެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަނާޅާ ލިޔުމެއް، އެ އޮފީހުން ހުށަހެޅި ލިޔުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވުމާއި، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ހުށަހެޅި ލިޔުމެއް ހައިކޯޓަށް ނުފޮނުވާ ބޭއްވުމަކީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ލިޔެކިޔުމަށް ބަދަލުގެނެސް ހަގީގަތް އޮޅުވާލުންކަން ސާބިތުވާ ކަމަށް ޖޭއެސްސީން މިއަދު ބުންޏެވެ.
އަހްމަދު އަކްރަމްގެ އެ އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށްވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އަހްމަދު އަކްރަމް މިއަދުން ފެށިގެން ވަޒީފާގެ މަސައްކަތަށް ނުކުތުން ހަތް ދުވަހަށް މަނާކުރުމަށް ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ. އަދި އެކަން މިއަދު އަހްމަދު އަކްރަމަށް ވަނީ އަންގާފަ އެވެ.