
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފައުޒީ ވިދާޅުވެފައިވަނީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، އެވްރެޖްކޮށް ދުވާލަކު 800 ޓަނަށް ވުރެ ގިނަ މަސް މިފްކޯއަށް ކިރުވަމުންދާ ކަމަށެވެ.
ދުވާލަކު މިފްކޯއަށް މަސްކިރުވޭ ކެޕޭސިޓީ އަކީ 600 ޓަނު ކަމަށް ވުމުން، ގިނައިން މަސް ބާނާ ދުވަސްވަރެއް ނަމަ މަސްކިރުމުގައި ދަތިތަކެއް ހުންނަ ކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ މަސްކިރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މަސްކިރޭނެ އިތުރު ބޯޓުތައް ގެނައުމުގެ މަސައްކަތް މިފްކޯއިން ކުރަމުންދާ ކަމަށެވެ.
އެންމެެ ފުރަތަމަ ގެނައުމަށް ނިންމާފައިވަނީ 120 ޓަނުގެ ބޯޓެއް ކަމަށާއި ހުރިހާކަމެއް ނިމި ބޯޓު ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވި ގޮތުގައި ދެކުނަށް ގެންނަ އެ ބޯޓުގައި ގާއިމުކުރަން ޖެހޭ އާލާތްތައް ގާއިމުކުރުމަށްފަހު މި ފެށޭ މަހުގެ ފަހުކޮޅު ބޯޓުގެ ބޭނުން ކުރަން ފެށޭނެ ކަމުގައެވެ.
އެ ބޯޓުގެ އިތުރުން އަދި އިތުރު ތިން ބޯޓު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ބޯޓުތަކުގެ ރަޖިސްޓްރޭޝަންގެ މަސައްކަތްތައް ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، ގިނަ އަދަދަކަށް މަސްކިރުވަން ފަށާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުކަން ފާހަގަކުރައްވާ ފައުޒީ ވިދާޅުވީ އެ ދުވަހު 850 ޓަނުގެ މަސް ކިރުވާފައިވާ ކަމަށެވެ. ފައުޒީ ވިދާޅުވީ މި ދުވަސްވަރު ދޯންޏަކުން ގާތްގަނޑަކަށް 55 ޓަނުގެ މަސް ބާނާ ކަމަށެވެ. މަސްވެރިކަން އެންމެ ރަނގަޅީ ދެކުނު ސަރަހައްދުގައި ކަމަށާއި ފަރެސްމާތޮޑާ އާއި ފިޔޯރީ އަދި ތިނަދޫ ސަރަހައްދުގައި މަސްވެރިކަން ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.
މަސްކިރުވުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިފްކޯގެ މަސް ފެކްޓްރީ، ޅ. ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް މިދިޔަ މަހު މިފްކޯއިން ވަނީ ރައިނެކް އިންޑިއާ އާއެކު ސޮއިކޮށްފިއެވެ. އެ އެއްބަސްވުމުގެ ދަށުން،
- ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް 4،000 ޓަނަށް ބޮޑުކުރުމުގެ މަސައްކަތް ކުރާނެ
- ދުވާލަކު 200 ޓަނުގެ މަސް ފްރީޒް ކުރެވޭ ބްރައިން ފްރީޒިން ފެސިލިޓީއެއް ގާއިމުކުރާނެ
- މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓަ ސިސްޓަމެއް ގާއިމުކުރާނެ
މި މަޝްރޫއުގެ ދަށުން ގއ. ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމު ކުރާނެ ކަމަށް މީގެކުރިން އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެެފައިވެއެވެ.
މި މަޝްރޫއާ އެކު، މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށް ވުރެ 48 އިންްސައްތަ އިތުރުވާނެއެވެ. އެ އާއެކު، އެ ކޯލްޑް ސްޓޯރޭޖް ވެގެން ދާނީ ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ކަމުގައެވެ. މި މަޝްރޫއުގެ ސަބަބުން އެ ކުންފުނީގެ ފްރީޒިން ކެޕޭސިޓީ މިހާރަށް 37 އިންސައްތަ އިތުރުވާނެއެވެ.