ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ އަންހެން ކުއްޖަކު އޭނާގެ ބައްޕައާއި ދެކޮޅަށް ދައުވާކޮށްފައިވަނީ މެދު ރާއްޖެތެރޭ ރަށެއްގެ ކޯޓުގައެވެ.
މި މައްސަލައިގައި އަންހެން ކުއްޖާ ދައުވާ ކުރީ އޭނާ ކައިވެނިކުރަން ބޭނުންވި ފިރިހެން ކުއްޖާއާ ކައިވެނި ކުރުމަށް ވަލީ ހޯދުމަށް އަންހެން ކުއްޖާގެ ބައްޕައާ ދެކޮޅަށެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އަދި ކޯޓު މެދުވެރިކޮށް އަންހެން ކުއްޖާ ވަލީ ހޯދީ ވެލަންޓައިސް ޑޭގެ އެއް ދުވަސް ކުރިންނެވެ.
މި މައްސަލައިގައި އަންހެން ކުއްޖާއަށް ވަލީދޭން ބައްޕަ އިންކާރު ކުރާ ކަމަށް ކޯޓުގައި އެ ކުއްޖާ ބުނި ނަމަވެސް އަންހެން ކުއްޖާއަށް ވަލީދޭން އިންކާރު ނުކުރާ ކަމަށް ކޯޓުގައި ބައްޕަ ބުންޏެވެ. މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް ވަކީލަކު ނެތިއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ޝަރީއަތުގެ މަޖިލީހުގައި ތިބޭނީ ބައްޕައާއި އަންހެން ކުއްޖާއެވެ.
މައްސަލައިގައި ހުކުމްކޮށްފައިވަނީ ވަލީދިނުމަށް އަންހެން ކުއްޖާގެ ބައްޕަގެ މައްޗަށް އަންގައެވެ. މައްސަލަ ބަލާފައިވަނީ އަންހެން ކުއްޖާ ކައިވެނި ކުރަން ބޭނުންވީ ފިރިހެން މީހާގެ ރަށު ކޯޓުގައެވެ.