ޓިކެޓް އެރުވުމަށް މިރޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހަށް ޓިކެޓް ހަވާލުކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ.
ޓިކެޓާއި ހަވާލުވެވަޑައިގެން ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީީ އެމްޑީޕީގެ މެމްބަރުން ދިން އިތުބާރާއި ޔަގީންކަމާއިއެކު ރިޔާސީ އިންތިހާބުގައި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ޓިކެޓް އެރުވުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ދެއްކެވި ވާހަކަފުޅުގައިވަނީ ޒާތީ ތައައްސުބުން ދުރުވެ އެމްޑީޕީ އެކުގައި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
އަދި ރައީސް މައުމޫނުގެ ވެރިކަމާއި އޭގެ ކުރިންވެސް ރާއްޖޭގައި ވަކިހިއްޕާލާފައި އޮތް އަނިޔާވެރިކަން ނިންމުމަށް 2008 ވަނަ އަހަރު ފުރުސަތު ލިބުނުކަމަށާއި ނަމަވެސް އެކަމުގެ މައްޗަށްވެސް ވެރިވެގަތީ އަނެއްކާވެސް އަނިޔާވެރިކަންކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި އޮތް އަނިޔާވެރިކަން އަލުން ގަދަވިޔަ ނުދިނުމަށް އެމްޑީޕީ އެކުގައި ނިކުމެ ވެރިކަން ކާމިޔާބުކުރަންޖެހޭ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް މިރޭ ރަސްމީކޮށް ރައީސް ސޯލިހަށް އެރުވިއިރު، ޕްރައިމަރީގެ ވޯޓް ބާތިލްކޮށް އަލުން ޕްރައިމަރީ ބޭއްވުމުގެ އަމުރަކަށް އެދި ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުގެ ފަޅިން މިހާރުވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހް ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓުންނެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ.