
މަސް ކަނޑާ ވަޅިއަކުން ޒިޔަދަމްއަށް ހަމަލާދިން ދިން ދެ މީހުންނަކީ އަލީ ސިފާމްއާއި މުހައްމަދު ޝަނޫންއެވެ.
އޭގެ ތެރެއިން ޝަނޫންގެ މައްޗަށް ޒިޔަދަމް މަރާލުމުގެ ކުށް ސާބިތުވި އިރު، ސިފާމްގެ މައްޗަށް މަރާލުމުގައި ބައިވެރިވުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ. އަލީ ސިފާމްގެ މައްޗަށް ޒިޔަދަމް މަރާލުމުގެ ކުށް ސާބިތުވެފައިވާތީ އަދަބު ކަނޑައެޅުމުގެ ކުރިއަށް ޒިޔަދަމްގެ ވާރިސުންގެ ބަސް މިއަދު ވަނީ ޝަރީއަތުން ނަގައިފަ އެވެ.
ޒިޔަދަމްގެ ވާރިސުންގެ ތެރެއިން ދުނިޔޭގައި މި ވަގުތު ތިބި ނުވަ ވާރިސުން ވެސް މަރަށް މަރު ހިފަން މިއަދު ޝަރީއަތުގައި އެދިފައެވެ. ޒިޔަދަމްގެ މަންމަ މަރިޔަމް މޫސާ ދުނިޔޭގައި ހުރި އިރު ފުލުހުންނަށް ދީފައިވާ ބަޔާނުގައި ވަނީ އޭނާ ވެސް އެދެނީ މަރަށް މަރު ހިފަން ކަމަށް ބުނެފަ އެވެ. ޒިޔަދަމް މަރާލިއިރު އޭނާގެ މަންމަ ދުނިޔޭގައި ހުރި ނަމަވެސް މިހާރު ވަނީ ނިޔާވެފައެވެ.
މި މައްސަލައިގެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި ހުކުމް ކުރުން އަންނަ ހަފްތާއަށް ތާވަލު ކުރާނެ ކަމަށް ކޯޓުންވަނީ ބުނެފައެވެ.
ލ. މުންޑޫގައި 2015 ވަނަ އަހަރު މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ޒިޔަދަމް މަރާލީ، 2015 ވަނަ އަހަރުގެ މާޗް 20 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު، މުންޑޫ ވަގުތީހިޔާ ކައިރިން ހިނގި މާރާމާރީއަކަށްފަހު، ވަޅިން ހަމަލާދީ
މައްސަލައިގެ ތަފްސީލް
މިމައްސަލާގައި ދައުލަތުން ބުނެފައިވާގޮތުން، ޒިޔަދަމް އަށް ހަމަލާދިން ރޭ އެރަށު ވަގުތީހިޔާ ކައިރީގައި ޒިޔަދަމާއި އިތުރު މީހަކު މާރާމާރީ ހިންގަމުން ދަނިކޮށް ޝަނޫން އާއި، ސިފާމް އެތަނަށް ގޮސް، ކަތިވަޅިއަކުން ޒިޔަދަށް ހަމަލާދީފައި ވެއެވެ. ހަމަލާދޭން ފެށުމުން ސަލާމަތްވާން ޒިޔަދަމް ވަގުތީހިޔާ ތެރެއަށް ވަނުމުންވެސް، އެދެމީހުން ޒިޔަދަމްގެ ފަހަތުން ގޮސް ވަޅިން ހަމަލާދީފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.
މީގެ އިތުރުން، ޒިޔަދަމްގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ބަޔަކު ދަނިކޮށް ދައުވާ ލިބޭ ޝަނޫން އޭގެ ތެރެއިން މީހަކަށް ހަމަލާދީ، ހޮސްޕިޓަލް ކައިރީގައި ހުރި މީހަކަށް ބިރު ދެއްކި ކަމުގެ ތުހުމަތުވެސް ދައުލަތުން ކުރެ އެވެ. ޒިޔަދަމްގެ ކަރަށާއި ބުރަކަށްޓަށް އަދި ފަލަމަސްގަނޑަށް ހަމަލާދީފައިވަނީ މަސްކަނޑާ ވަޅިއަކުން ކަމަށް ދައުލަތުން ބުނެފައިވެއެވެ.