
ގެދޮރު ކުއްޔަށް ދިނުމުގައި އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކާ މެދު ސަމާލުވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިލްތިމާސްކޮށްފައިވަނީ، އެ އިދާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އިންސްޓަގްރާމް މެދުވެރިކޮށް ހުށަހަޅައިދިން ހޭލުންތެރިކުރުމުގެ މެސެޖެއްގައެވެ.
ގެދޮރު ކުއްޔަށް ދިނުމުގެ ނަމުގައި ސައްހަ ނޫން ލިޔެކިޔުންތައް ތައްޔާރުކޮށް، އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ވަރަށް ގިނައިން ހުށަހެޅޭކަން ޕީޖީ އޮފީހުންވަނީ ފާހަގަކޮށްފައެވެ.
އެފަދަ އޮޅުވާލުންތައް އޮޅުވާލައިގެން މީހުންގެ އަތުން ޓެކުމުގެ ކަންކަން ހިންގަނީ ގޭގެ ވެރިފަރާތުގެ އަތުން ތަނެއް ހުއްޔަށް ނެގުމަށްފަހު ކުއްޔަށް ހިފާ ފަރާތުން ގޭގެ ވެރިފަރާތާއެކު ހަދާ އެއްބަސްވުމަށް ބަދަލު ގެނެސްގެންނެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ސާވިސް އެނައުންސްމަންޓުގައި ފާހަގަކޮށްފައިވަނީ އެޕާޓުމަންޓަކީ އޭނާގެ ބާރު ހިނގާ ތަނެއްކަމަށް ފެންނަ ގޮތަށް އެއްބަސްވުމަށް ބަދަލު ގެނެސް އުފައްދާ ސައްހަ ނޫން ލިޔެކިޔުންތައް ބޭނުން ކޮށްގެން އެހެން ފަރާތްތަކަށް ދިގުމުއްދަތަށް އެތަން ކުއްޔަށްދޭ ކަމަށެވެ.
އެފަދަ މީހުން އާންމުކޮށް މީހުންގެ އަތުން އޮޅުވާލައިގެން ލައްކައިން ފައިސާ ނަގާ ކަމަށާއި އެފަދައިން އޮޅުވާލާ އޮޅުވައިލުމަކީ ގާނޫނީ ގޮތުން ބޮޑެތި އަދަބު ލިބޭ ކަމެއްކަން ވެސް އެ އޮފީހުން ވަނީ ހަނދާން ކޮށްދީފަ އެވެ.