
އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި ހައްޔަރު ކުރި މި މީހާއަކީ ހައްދުންމަތީގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމުން، ތިން ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ މުއްދަތު ދީފައެވެ.
މުޒާހަރާތެރެއިން ހައްޔަރު ކުރި ކަމަށް ބެލެވޭ މި މީހާވަނީ މުޒާހަރާތެރެއިން ޑިޕްލޮމެޓިކް ކާރަކަށް ހުރަސް އަޅާފައެވެ. އެކަން އެ ގޮތަށް ނުކުރުމަށް ފުލުހުން އޭނާއަށް ނަސޭހަތްތެރިވުމުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ދަނޑިބުރިއަކުން ފުލުހަކަށް ހަމަލާދީފައިވާ ކަމަށް ބަންދު އަމުރު ރިޕޯޓުގައިވެއެވެ.
އެ ރިޕޯޓުން އެނގޭ ގޮތުގައި މި މީހާއަކީ ކުށުގެ ރެކޯޑްގެ ގޮތުގައި މަސްތުވާތަކެތީގެ ރެކޯޑާ ވައްކަމުގެ ރެކޯޑް އޮންނަ މީހެކެވެ.
އުމުރުން 37 އަހަރުގެ މި މީހާ ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކުރީ އެ ކޯޓުގެ ގާޒީ ސަފްއަތު ހަބީބުއެވެ.