ads
މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
"ސަރުކާރަށް ޖެއްސުމަށް" ހުށަހެޅި ގަރާރަށް މަވޯޓާގެ ތާއީދު
ރައްޔިތުންގެ މަޖިލީހަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ، ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ، މިކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހަޅުއްވާފައިވާ ގަރާރަށް ތާއީދު ކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީޕީ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ، މަވޯޓާ ޝަރީފްގެ މި ގަރާރަށް ތާއީދު ކުރައްވާކަން ހާމަކުރެއްވުންވީ ގިނަބަޔަކަށް އަޖައިބަކަށެވެ.

ސަބަބަކީ މުއިއްޒު ހުށަހަޅުއްވާފައިވާ ގަރާރަކީ "ސަރުކާރަށް ޖެއްސުމަށް" ހުށަހަޅާފައިވާ ގަރާރެއް ކަމަށް ރައީސް ސާލިހު ފެކްޝަނުގެ ބައެއް މެންބަރުން ތުހުމަތުކުރައްވާފައިވާތީއެވެ. 

ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މަވޯޓާ ވިދާޅުވީ، "ސަރުކާރުގެ އޮފީސްތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާއިރު އެތަންތަނުން މަސައްކަތް ކުރާނެ ތަންތަން ނެތުމަކީ ކަންބޮޑުވާކަމެއް" ކަމަށެވެ.

ޝަރީފް ވިދާޅުވީ ސަރުކާރު އޮފީސްތައް ހިންގުމަށް ހުޅުމަލޭގައި "އުމަރު ޒާހިރު އޮފީސް" ނަމުގައި އިމާރާތެއް ހުޅިވިގެން ދިޔަދިއުމަކީ ކުރިއަށް އެޅުނު ރަނގަޅު ފިޔަވަޅެއްކަމުގައި ގަބޫލުކުރައްވާކަމަށެވެ. ނަމަވެސް އަދިވެސް ސަރުކާރު އޮފީސްތައް ހިންގަން އެކަށީގެންވާ ޖާގަ ނެތްކަމަށް މެންބަރު ވިދާޅުވިއެވެ. 

"އަޅުގަނޑު ހިތުން މި ގަރާރަކީ މުހިންމު ވަގުތެއްގައި ހުށަހެޅިފައިވާ މުހިންމު ގަރާރެއްކަމުގައި އަޅުގަނޑު ގަބޫލުކުރާ ވާހަކަ ވެސް ދަންނަވަން. ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް މަހެއްގެ މައްޗަށް އަދި އެތައް ސަތޭކަ މިިލިއަން ރުފިޔާއެއް އަހަރެއްގެ މައްޗަށް ހަރަދުކުރަމުން ދާއިރު މިކަމަށް އަވަސް ހައްލެއް ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުހިންމުކަމެއްކަމުގައި ދެކޭތީ މި ގަރާރަށް އަޅުގަނޑު ތާއީދު ކުރާވާހަކަ ދަންނަވަން،" -މަވޯޓާ ޝަރީފް-

ދުރާލާ ރޭވިގެން ސަރުކާރުގެ އޮފީސްތައް ހިންގަން އިމާރާތްތައް ހެދިފައި ނެތްކަމަކީ ކަންބޮޑުވާންޖެހޭކަމެއް ކަމަށްވެސް މަވޯޓާ ވިދާޅުވިއެވެ. 

ބެލެވޭ ގޮތުގައި މިއަދު މި ގަރާރަށް ބަހުސްކޮށް ނިންމައި ވޯޓަށް އެހޭނެއެވެ. 

ރައީސް ސާލިހުގެ ފެކްޝަނުގެ ނުރުހުން ގަރާރަށް: 

މެންބަރު މުއިއްޒު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ރައީސް ސާލިހު ފެކްޝަނަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ ފާޑުވިދާޅުވެފައެވެ. 

މިގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސެން ޝަހީމް (އަންދުން ހުސެން) ވިދާޅުވީ، މި ގަރާރަކީ ސަރުކާރަށް "ފާޑުކިޔައި ޖެއްސުން ކުރުމަށް" ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ. މިފަދަ އެތައް ގަރާރެއް ރައީސް ނަޝީދު ރިޔާސަތުގައި އިންވައިގެން ބަލައިގަނެ މަޖިލީހުގައި ބަހުސްކުރަން ހުޅުވަލާތީ ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ. 

މީގެ ކުރިން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މި ގަރާރަށް ބަހުސް ކުރައްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތުގައި ތިއްބަވައިގެން ރައްޔިތުންގެ މަޖިލީހަކީ "ސަރުކާރަށް ފާޑުކިޔާ ޕްލެޓް ފޯމަކަށް" ވެފައިވާކަމަށެވެ. 

މި ގަރާރު އަނބުރާ ގެންދިއުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އަށް ސަރުކާރުން ޕްރެޝަރު ކުރަމުން ގެންދާކަމަށް ވެސް ރައީސް ނަޝީދު ފެކްޝަނުގެ ބައެއް މެންބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ. 

މި ގަރާރާ ގުޅޭގޮތުން ސަރުކާރުން ވަކި އެއްޗެއް ރަސްމީކޮށް ނުބުނި ނަމަވެސް، އުމަރު ޒާހިރު ބިލްޑިން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ ސަރުކާރުގެ އޮފީސްތައް އެޅުމަށް އިތުރު އިމާރާތެއް އެޅުމުގެ ޕްލޭން އެމަނިކުފާނު ގެންގުޅުއްވާކަމަށެވެ. އަދި އޮފީސްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާނެކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް