ސަރުކާރުގެ ފަރާތުން، ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހަޅުއްވާފައިވާ، "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ" ބިލަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން ސިޔާސީ ބޭނުންތަކަށް ވަޒީފާގެ ބިރުދެއްކުން ހުއްޓާލަންޖެހޭ ކަމަށެވެ.
މިގޮތުން މެންބަރުން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެތެރޭގައި ވަކި ކެނޑިޑޭޓަކަށް ވޯޓުލާން މަޖުބޫރު ކުރުމާ، ތާއީދު ނުކުރާނަމަ ވަޒީފާއިން ވަކިކުރާކަމުގެ މައްސަލަތައް ހިމެނެއެވެ.
މިއަދު ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ ބައެއް ހާލަތްތަކުގައި "ބޮޑީކެމް" އަޅުވާފައި މުވައްޒަފުން ފޮނުވައިގެން ވެސް ވޯޓުލަމުން ގެންދާ ކަމަށެވެ.
މި މައްސަލައަކީ އެއްސަރުކާރުން އަނެއްސަރުކާރަށް ވާރުތަވާ މައްސަލައެއް ކަމަށް ވެސް މެމްބަރު ފާހަގަކުރެއްވިއެވެ.
މިފަދަ މައްސަލަތަކެއް މި ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީތެރެއިން ވެސް ދިމާވިކަމަށް އިިލިޔާސް ލަބީބު ވިދާޅުވިއެވެ.
މި ބިލު ހުށަހެޅުނު ދުވަހު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވިދާޅުވީ "ވަޒީފާ އަދާކުރާ މީހުންނަށް ނުފޫޒު ފޯރުވުން ގާނޫނުން ހުއްޓުވަން ޖެހޭ" ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ފެށިގެން ހިނގަމުން މި އަންނަ ސަގާފަތް ނިމުމަކަށް ގެންނަންޖެހޭކަމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް ބަހުސްކުރެއްވި ބައެއް މެންބަރުން ވިދާޅުވިއެވެ.