ads
މޯލްޑިވިއަނުން އެންމެ ފަހުން ގެނައި އޭޓީއާރުގެ ދެ ބޯޓް ވީއައިއޭއަށް ޖައްސަނީ: އިތުރު ދެ ބޯޓް ކުއްޔަށް ނެގުމަށް ވަނީ ނިންމާފައި - ފޮޓޯ:ރައީސް އޮފީސް
މޯލްޑިވިއަނުން އޭ330-200 މަރުކާގެ ދެ ބޯޓު ކުއްޔަށް ނަގަނީ
ގައުމީ އެއާލައިން، މޯލްޑިވިއަނުން އޭ330-200 މަރުކާގެ ދެ ބޯޓު ކުއްޔަށް ނަގަން ނިންމައިފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ވަނީ އެ ކުންފުންޏަށް ދެ ބޯޓު ޑްރައި ލީސްކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އައިއޭއެސް އިން ބުނެފައިވަނީ އެ ދެ ބޯޓު ކުއްޔަށް ނަގާނީ މަދުވެގެން ހަ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި މި އަހަރުގެ ފުރަތަމަ ކުއާޓަރު ނުވަތަ ދެވަނަ ކުއާޓަރު ނިމުމުގެ ކުރިން ބޯޓުތައް ރާއްޖެއަށް ގެނެސްދޭން ޖެހޭނެ ކަމަށެވެ.

އެ ބޯޓުތައް ވާން ޖެހޭނީ އިކޮނޮމިކް އަދި ބިޒްނަސް ކްލާސް ހިމެނޭ ބޯޓުތަކަކަށް ކަަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެގޮތުން ބިޒްނަސް ކްލާހުގައި 25-30 ސީޓު ހުންނަން ޖެހޭނެ ކަމަށްވެސް އައިއޭއެސްއިން ބުނެއެވެ.

އައިއޭއެސް ބުނި ގޮތުގައި އޭ330-200 މަރުކާގެ ދެ ބޯޓު ގެނައުމަށް ނިންމާފައިވަނީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކޮށް، ދުރު މަންޒިލްތަކަށް ފްލައިޓުތައް ތައާރަފު ކުރުމަށް ކަމުގައެވެ.

މޯލްޑިވިއަނުން ވަނީ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް އޭޓީއާރު 72 މަރުކާގެ ދެ ބޯޓު ގެނެސްފައެވެ. މި އަހަރު ތެރޭގައި އޭޓީއާރު 42 މަރުކާގެ ބޯޓެއް ގެންނާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން އޭ321 އެލްއާރު މަރުކާގެ ބޯޓެއް ގެންނައުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އެހެންނަމަވެސް، އެ ބޯޓް ގެނެވޭނެ ތާރީހެއް އަދި ނޭނގެއެވެ. 

މޯލްޑިވިއަންގެ ފްލީޓަށް އާ ބޯޓުތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އައިލެންޑް އޭވިއޭޝަނުން ވަނީ ކުންފުނީގެ ލޯގޯ އާއި މަތިންދާ ބޯޓުތަކުގެ ލިވަރީ ނުވަތަ މަތިންދާ ބޯޓުތަކުގެ ބޭރުގައި ބޭނުންކުރާ ކުރެހުން ބަދަލުކުރުމަށް ނިންމާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް