
މިއީ 2016 ވަނަ އަހަރު ހިނގި ހާދިސާއަކާ ގުޅިގެން ކުރި ހުކުމެކެވެ. މި ހުކުމް ކްރިމިނަލް ކޯޓުން ކުރީ މިދިޔަ ހަފްތާގައެވެ. މި ހާދިސާގައި
އުމުރު ދުވަހުގެ ޖަލު ހުކުމެއް އައި މީހާ ހައްޔަރު ކުރީ ހުޅުލެއިން ފުރައިގެން ގދ. ކާޑެއްދުއަށް ގޮސް ހުއްޓައި ކާޑެއްދޫ އެއާޕޯޓުންނެވެ. ކާޑެއްދޫން އެ މީހާ ހައްޔަރުކޮށްގެން، ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގޮސް ބެލި ބެލުމުން އޭނާގެ ފައިވާނުގެ ދަށްފުށުގައި ހަރުކޮށްފައި ހުރި ރަބަރު ޕެކެޓެއް ފެނިފައިވެ އެވެ. އެ ރަބަރު ޕެކެޓުން 19.65 ގްރާމުގެ ޑައިމޯފިން ހުރިކަން ފަހުން ހެދި ތަހުލީލުން އެނގުނެވެ.
މި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އައި މީހާގެ މައްޗަށް ދައުލަތުން ކުރީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ޓްރެފިކިންގެ ކުށަށް އޮންނަ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު 100،000ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މީގެ ފަސް އަހަރު ކުރިން ކޯޓަށް ހުށަހެޅުނު މި މައްސަލަ ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމްއެވެ.
މި މައްސަލައިގެ ޝަރީއަތް ކުރިއަށް ދިޔަ ފަސް އަހަރުވެސް އެ މީހާ ހުރީ ޖަލުގައެވެ. އެހެންކަމުން މި މައްސަލައިގައި ދެން އޭނާ ތަންފީޒު ކުރަން ޖެހޭނީ ބާކީ 19 އަހަރާއި 11 މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.