
ކައިވެނިކުރަން ދެކޮޅު ހެދި އަންހެން ކުއްޖާގަޔަށް ވަޅި ހަރާފައިވަނީ އުމަރު ތިވާރީ ނަމަކަށް ކިޔާ ފިރިހެނެކެވެ.
ޒަހަމްވި އަންހެން ކުއްޖާއަކީ އިންޑިއާގެ ރައިޕޫރުގެ ގުދިޔާރީ ގައި ހުންނަ އުމަރުގެ ފިހާރަގައި މަސައްކަތް ކުރި ކުއްޖެކެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން 16 އަހަރުގެ އަންހެން ކުއްޖާގެ ގެއަށް އުމަރު ހަމަލާދީފައި ވަނީ ބަނގުރާ ބޮއެ މަސްތުވެގެން ހުރެވަދެފައެވެ. އަދި އެގޭ މީހުން ކުރިމަތީގައި އުމަރު އަންހެން ކުއްޖާއާ ދިމާލަށް ހަޅޭލަވައި އަންހެން ކުއްޖާގެ ކަރަށް ވަޅިހަރާފައެވެ.
އުމަރަށް ފިލަން އަންހެންކުއްޖާ ދުވުމުން އޭނާ ވަނީ އަންހެން ކުއްޖާ އަތުލައި އެ ކުއްޖާގެ އިސްތަށިގަނޑުގައި ހިފައިގެން މަގުމަތީގައި ހިނގާފައެވެ. އެކުއްޖާ ހޭނެތިގެން ވެއްޓެންދެން މަގުމަތީގައި ހިގާފައިވާކަމަށް އިންޑިއާ ނޫސްތަކުން ބުނެއެވެ.
ބައެއް މީހުން ވަނީ އަންހެން ކުއްޖާގެ އިސްތަށިގަނޑުގައި ހިފައިގެން ހިނގި މަންޒަރު ވީޑިއޯވެސް ކޮށްފައެވެ.
އަންހެން ކުއްޖާ އެޑްމިޓް ކޮށްފައިވާއިރު، އެ ކުއްޖާގެ ހާލު ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ވީޑިއޯ ވައިރަލްވުމާއެކު އިންޑިއާ ފުލުހުން ވަނީ އުމަރު ހައްޔަރުކޮށްފައެވެ.