ads
ރައީސް ނަޝީދާއި މިނިސްޓަރު އަސްލަމް
ތާރު ކަނޑާ ނަގާ މައްސަލައިގައި ރައީސް ނަޝީދުގެ ކަންބޮޑުވުން
ރާއްޖޭގެ ބައެއް ރަށްތަކުގެ މަގުތަކުގައި ތާރު އެޅުމަށްފަހު ތާރު ކަނޑާ ނަގާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
Advertisement

ރައީސް ނަޝީދު މި ކަންބޮޑުވުން ފާޅުކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަޠީފް، މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމްއާ ސުވާލުކުރެއްވުމަށްފަހު މެންބަރުންނާ ސުވާލުކުރައްވަން ފުރުސަތު ހުޅުވާލުމުގެ ކުރިންނެވެ. 

މިގޮތުން ރައީސް ނަަޝީދު ވިދާޅުވީ، އަމީނީ މަގުގައި ތާރުއެޅުމަށްފަހު ކާނުތައް މަތިން ތާރުއަޅާފައިވާތީވެ ތާރުތައް ކޮނެކަނޑާއިގެން ނަގާކަމަށެވެ. 

"މީގެ ދެތިން ދުވަސްކުރިން އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާއިން ފެނުނު ވަރަށް ރީތިކޮށް ތާރު އަޅާފައިވަނިކޮށް. މިހާރު ކަނޑާގެން އެބަ ނަގާ އެޅިތާރު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުޑަހުދަވޫ ދާއިރާގެ މެންބަރު އާމިރު ވަނީ ތާރު ކަނޑައިގެން ނަގާ މައްސަލައިގައި މިނިސްޓަރާ ސުވާލުވެސް ކުރައްވާފައެވެ. 

މިނިިސްޓަރު އަސްލަމް ވިދާޅުވީ، "މަސައްކަތްތައް ކުރަން މަގު ކަނޑާ ނަގަން އެބަޖެހޭ" ކަން އޭނާއަށް ވެސް ފާހަގަވެލައްވާފައިވާކަމަށެވެ. 

"އެހެން ވަނީ އަޅުގަނޑުމެން ހުރިހާ ނިޒާމެއް ގާއިމްވެފަ ނެތީމަ. ހުރިހާ ނިޒާމެއް ގާއިމްވެފަ އޮތްނަމަ އަޅުގަނޑުމެން ވަނީ ޑިވެލޮޕްޑު ގައުމަކަށް. އަޅުގަނޑުމެން ޑިވެލޮޕިން ގައުމެއްގަ މަސައްކަތް ކުރަމުންދާއިރު ދިމާވާ ޒާތުގެ މައްސަލަތަކޭ މި ދިމާވަނީ" މިިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް މި ޖަވަބު ދެއްވުމުން ރައީސް ނަޝީދު ވަނީ އަނެއްކާވެސް އެމަނުކުފާނުގެ ކަންބޮޑުވުން ތަކުރާރު ކުރައްވާފައެވެ. 

"އެހެން ނަމަވެސް އަމީނީ މަގުގއި އިއްޔެގަ ތާރުއަޅާފާ މިއަދު މި ކަނޑަނީ. އަޅުގަނޑުމެންގެ ގައުމަކީ މެދު އާމްދަނީގެ ގައުމެއް. މިއީ ތަރައްގީ ނުވެއޮތް ގައުމެއްގެ ގޮތުގައި މިހާރު ސިފައެއްވެސް ނުކުރެވޭނެ. އިއްޒަތްތެރި މެންބަރު އެ އެއްސެވި ސުވާލަކީ ހަމަ އަޅާފައި އޭގެ އަނެއްދުވަހު ކީއްވެތޯއޭ ކަފާ ތި ނަންގަވަނީ؟ އެވަރަށް ބައްލަވާ ނުލެެއްވެނީތޯ އޭ؟،" ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން އާރުޑީސީން ފެށި މަސައްކަތުގެ ތާރުއެޅުން ސަބްކޮންޓްރެކްޓް އުސޫލުން ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. 

ދިހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް 84.4 މިލިއަން ރުފިޔާއަށް އަމީނީމަގު ހެދުމުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައިވަނީ 3 ޖުލައި 2022 ގައެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް