ads
ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން
ޕްރައިމަރީ ބާތިލުކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް އަންނަ ހަފްތާގައި ފަށަނީ
އެމްޑީޕީގެ ޕްރައިމަރީ އަލުން ބާއްވައިދިނުން އެދި ރައީސް މުހައްމަދު ނަޝީދުގެ ފަޅިން ސިވިލް ކޯޓަށް ހުށަހެޅި ތިން މައްސަލައިގެ ތެރެއިން އެއް މައްސަލަ ބަލައިގަނެ، އަންނަ ހަފްތާގައި ޝަރީއަތް ފަށަން ތާވަލުކޮށްފި އެވެ.
Advertisement

ސިވިލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަން ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ގޮތުން ތިން މައްސަލައެއް ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން ނިންމާފައިވަނީ ތިން މައްސަލަ އެކުގައި ގެންދާށެވެ. އެކަމުގެ ތަފްސީލެއް އަދި ނުލިބެއެވެ. އެއް މައްސަލަ ބަލައިގަތް ކަމަށް އެ މައްސަލަތައް ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދުވެސްވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ ފަޅިން ހުށަހެޅި މި މައްސަލާގައި ބުނެފައި އޮތީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ރައީސް ސޯލިހު އެވެ. މި އިންތިހާބުން ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 61 އިންސައްތަ ވޯޓެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވިލް ކޯޓުގައި ވަނީ މި މައްސަލާގައި ވަގުތީ އަމުރަކަށް އެދިފަ އެވެ. އެއީ، ކޯޓަށް ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން ރިޔާސީ ޓިކެޓު ހަވާލުކުރަން ހުއްޓުވުމަށް އަމުރު ކޮށްދިނުމަށެވެ. އެހެންނަމަވެސް ރިޔާސީ ޓިކެޓް މިހާރުވަނީ ރައީސް ސޯލިހަށް އަރުވާފައެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާކޮށް ކޯލިޝަން ހެދުމުގެ ބާރު ރައީސަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ފާސްކުރުމާ އެއް ގޮތަށް ރައީސްވަނީ މަސައްކަތްވެސް ފަށްޓަވާފައެވެ.

އިންތިހާބާއި ގުޅޭ މައްސަލަ އެންމެ ފަހުން ކޯޓާ ހިސާބަށް ދިޔައިރު، އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ނަޝީދުގެ ފަރާތްޕުޅުން ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް އިންތިހާބާ ބެހޭ ކޮމިޓީން ބުނެފައި ވަނީ ނަތީޖާއަށް ބަދަލެއް އަންނާނެ ވަރުގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް