
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯތުން ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރީ މިއަދު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެހެންނަމަވެސް ހައިކޯޓުގެ ރަޖިސްޓްރީއަކުން އެ މައްސަލަ އަދި ނުދައްކައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގަ އެވެ.
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ، އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތްވެސް ޕީޕީއެމުން އަންނަނީ ކުރަމުންނެވެ.
އަނެއްކޮޅުން، ރާއްޖޭގެ ކުރީގެ ރައީސް، އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން ޖަލަށް ލުމަކީ، އުފާކުރަންޖެހޭ ބަވާތުގެ ކަމެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ވިދާޅުވެފައެވެ.
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ހުންނެވީ "ގަދަކޮށް" ކަމަށް، އެ މަނިކުފާނާ ބައްދަލު ކުރެއްވުމަށް ފަހު ޕީޕީއެމުންވަނީ ކުރިން ބުނެފައެވެ.