ads
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު
1000 ހައްޖު ކޯޓާ ލިބިއްޖެ، އިތުރު ކޯޓާ ހޯދަނީ!
މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ސައުދީ ސަރުކާރުން 1000 ހައްޖު ކޯޓާ ދީފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒާހިރު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މިއަހަރު ރާއްޖެއިން 1000 މީހުން ހައްޖަށް ގެންދިއުމަށް ސައުދީ ސަރުކާރުން މިހާރު 1000 ކޯޓާ ހަމަޖައްސާދީފައިވާ ކަމަށެވެ. އަދި އިތުރު ކޯޓާ ހޯދުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން މީހުން ގެންދިއުމަށް ކޯޓާ ދީފައިވާއިރު، ކޯޓާތައް ބަހާނެގޮތެއް ސަރުކާރުން އަދި ނުނިންމައެވެ. ކޮވިޑާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު ކޯޓާ ލިބުމުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ދީފައިވަނީ ސަރުކާރުގެ ހައްޖު ކުންފުނި "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން" އަށް އެކަންޏެވެ.

ކޮވިޑަށް ފަހު ހާއްސަ ހާލަތުގައި، އެހެން ގައުމުތަކުން ހައްޖަށް ސައުދީއަށް މީހުން އެތެރެވުމަށް ހުއްދަދިން ނަމަވެސް، ހައްޖުކުރުމަށް ހުރިހާ ގައުމުތަކަކަށް ދިން ކޯޓާގެ އަދަދުވެސް މިދިޔަ އަހަރު މަދެވެ. އެހެންކަމުން ރާއްޖެއަށްވެސް މިދިޔަ އަހަރު ދީފައިވަނީ 453 ކޯޓާއެވެ. 

ނަމަވެސް ކޮވިޑްގެ ހާލަތަށްފަހު މިއަހަރު އާއްމު ހާލަތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމާއި ކުރިން ސައުދީން ކަނޑައެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމަށް ސައުދީ ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު 2.6 މިލިއަން މީހުން ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފައެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން 2020 އަދި 2021 ގައި ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މަދު އަދަދެއްގެ ބަޔަކާއިއެކުގައެވެ. އަދި އެ ދެ އަހަރު ހައްޖުގެ އަޅުކަމަށް ސައުދީން ބޭރުން އެއްވެސް މީހަކު ހައްޖަށް ދިއުމަށް ކޯޓާއެއް ނުދެއެވެ. 

ކޮވިޑަށް ފަހު 2022 ވަނަ އަހަރު އެއް މިލިއަން މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިން ނަމަވެސް ގައުމުތަކަށް އޭގެ ކުރިން ދިން ކޯޓާއާއި އެއްވަރުގެ އަދަދެއް ދީފައެއް ނުވެއެވެ. އަދި އުމުރުން 65 އަހަރުން މަތީގެ މީހުނަން މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

ސައުދީ ހައްޖު މިނިސްޓްރީން ބުނެފައިވަނީ މިއަހަރު ހައްޖުގެ އަޅުކަމަށް އެ ހުރަސްތައް ނެތްކަމަށާއި ކޮންމެ އުމުރެއްގެ މީހެއް ނަމަވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް ހުރަހެއް ނެތް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް